ލ. ގަމުގައި ގުރޫޕް ހަދައިގެން ބަދު އަހުލާގީ އަމަލު ހިންގަން ތިއްބި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

މިދިޔަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ރޭ ގަމު ގެސްޓު ހައުސްއެއްގެ ތެރޭގައި ގުރޫޕް ހަދައިގެން ބަދު އަހުލާގީ އަމަލު ހިންގަން ތިއްބައި ފުލުހުން ހައްޔަކުރީ ހަތަރު މީހެކެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރީ މިއަދު ކޯޓަށް ގެންދިއުމުން ކަމަށެވެ. އަދި އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އަދި އޭގެތެރެއިން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި އަނެއް ދެ މީހުން ހުރީ ގޭ ބަންދުގަ އެވެ.