ސޮނީ ހާޑްވެއާ ފިހާރާގައި މަސައްކަތްކުރާ ލޭބަރުންތަކެއް ދިރިއުޅޭ ތަނަކަށް މީހަކު ވަދެ، ބިދޭސީއަކަށް ވަޅިން ބިރުދެއްކުމަށްފަހު އެތަނުން ފައިސާތަކެއް ވަގަށް ނަގައިގެން އިއްޔެ ފިލައިފި އެވެ.

ޖަނަވަރީގައި މަގުގައި ސޮނީ ހާޑުވެއާގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އިއްޔެ 3:30 އެހާކަންހާއިރު އެ ލޭބާ ކުއާޓަރުގައި އުޅޭ ބިދޭސީއަކު ފާޚަނާ ބޭނުންކުރުމަށް އެތަނަށް ދިޔައިރު މީހަކު ދޮރު ބިއްދޮށުގައި ފިލައި އޮތް ކަމަށެވެ. އަދި ބިދޭސީ މީހާ ކޮޓަރިއަށް ވަނުމުން، ވަޅިން ބިރުދެއްކުމަށްފަހު "ހަޅޭވަލާފިއްޔާ ވަޅި ހަރާނަމޭ" ބުނެ، ފާޚަނާތެރެއަށް އޭނާ ގަދަކަމުން ވައްދާ ބޭރުން ތަޅުލީ ކަމަށެވެ.

އޭނާ ބުނި ގޮތުގައި، ދިވެއްސެއް ކަމަށް ބެލެވޭ އެމީހާ ވަނީ އެތަނުން 100 އެއްހާ ޑޮލަރާއި 60ރ. ވަގަށް ނަގައިގެން ގޮސްފަ އެވެ. ފައިސާ ފޭރުނު ނަމަވެސް އެ ބިދޭސީމީހާ އަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވެއެވެ.

"ފާޚަނާތެރެއަށް ވެއްދީމަ އޭނަ ޖީބުގައި އޮތް ފޯނު ނަގައިގެން ގުޅީ ފިހާރާގައި އިން މީހަކަށް. ދެން އެތަނަށް ދިޔައިރު ވަގުކަލޭގެ ފިލައިފި. އެތަނުން ގާތްގަނޑަކަށް 100 އެއްހާ ޑޮލަރާ 60ރ. ހިފައިގެން ފިލީ. އެކަމަކު ބިދޭސީ މީހާއަށް އަނިޔާއެއް ނުކުރޭ." އޭނާ ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ޖަނަވަރީ މަގު ސޮނީގައި މަސައްކަތް ކުރާ ބިދޭސީއަކަށް އިއްޔެ ބިރު ދައްކައި ފައިސާ ފޭރުނު ހަމަ އެ މަގުގައި ހުންނަ ސިމާ ފިހާރައަށް ރޭ ތޫނު ހަތިޔާރެއް ހިފައިގެން ވަދެ ފިހާރައިގެ އަންހެން ސޭޓަށް ބިރު ދެއްކުމަށްފަހު 1000ރ. ހިފައިގެން ވަނީ ފިލާފައެވެ.