މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގދ. ތިނަދޫއާއި ހޯޑެއްދޫ ބައްދަލު ކުރި މެޗްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ތިނަދޫ 25،000 ރުފިޔާ އިން ޖޫރިމަނާ ކުރިއިރު ހޯޑެއްދޫ 6،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ނިންމަފައި އެވެ.

އެފްއޭއެމް އިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑްގެ 49 ވަނަ މާއްދާއަށާއި ހަތް ވަނަ މާއްދާގެ (ހ) އަށާއި ފީފާގެ ޑިސިްޕލިނަރީ ކޯޑްގެ 31 ވަނަ މައްދާގެ އެއްވަނަ މާއްދާއާ ހަވާލާދިނުމަށް ފަހު އެމެޗްގައި މައިގަނޑު ޒިންމާ ނަގަންޖެހޭނީ ގދ. ތިނަދޫ ޓީމް ކަމަށެވެ.

އެދި މުބާރާތުގެ ކުރިއަށް އޮތްތަނުގައި ތިނަދޫގެ އެއްވެސް އިހްމާލެއް އޮވެގެން މެޗް ހުއްޓާލަން ޖެހޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޓީމް މުބާރަތުން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ ދީފަ އެވެ.

ހޯޑެއްދޫ މައްޗަށް ކުރި ޖޫރިމަނާއާ ގުޅިގެން އެފްއޭއެމް އިން ބުނެފައި ވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑްގެ 49 ވަނަ މާއްދާއަށް ހަވާލާދީ މެޗް ހުއްޓަލަން ޖެހުމުގެ ޒިންމާ ހޯޑެއްދޫން ވެސް ނަގަން ޖެހޭނެ ކަމަށެވެ.

އަދި މުބާރާތުގެ ކުރިއަށް އޮތް ތަނުގައި ހޯޑެއްދޫގެ އިހްމާލެއް އޮވެގެން މެޗް ހުއްޓަލަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޓީމު ވެސް މުބާރާތުން ވަކި ކުރާނެ ކަމުގެ އިންޒާރު އެފްއޭއެމް އިން ވަނީ ދީފަ އެވެ.

މީގެ އިތުރުން އެމެޗްގައި ތިނަދޫ ޓީމްގެ ކޯޗް އިބްރާހިމް ޝާހް ރެފްރީގެ ހުއްދަ ނެތި ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ މުޅި މުބާރާތުން ސަސްޕެންޑްކޮށް 15000 ރުފިޔާ އިން ޖުރިމަނާ ކުރުމަށް ނިންމި އިރު ހަމަ އެމެޗްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ހޯޑެއްދޫގެ އާދަމް ލަރީފް (ރޮނާ) ފަސް މެޗަށް ސަންސްޕެންޑްކޮށް 5000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. ތިނަދޫން ވަނި އެޓީމް ދައްކަން ޖެހޭ 25000 ރުފިޔާގެ ޖޫރިމަނާ ފައިސާ މިއަދު އެފްއޭއެމްއަށް ދައްކައިފަ އެވެ.

ދެޓީމަށް ވެސް ފައިސާ ދެއްކުމަށް އަންގާފައި ވަނީ އެންމެ އަވަހަށް ކުޅޭ މެޗްގެ ކުރިންނެވެ.

ރޮނާއާއި ޝާހްގެ ޖޫރިމަނާ ކުރިއަށް އޮތް އެއް މަސްތެރޭ ދެއްކުމަށް އެފްއޭއެމް އިން ވަނި އަންގައިފަ އެވެ.