16 Mar 2011, 12:38
ދިއެފްއެމް ވިޝުއަލް ރޭޑިއޯ އިން އިއްޔެ ހެނދުނު ފޮނުވި ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިން ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ދިއެފްއެމް އަށް ސިޓީއެއް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފޮނުވި އެ ސިޓީގައި އެދިފައި ވަނީ، އިއްޔެ ހެނދުނު ބްރޯޑްކާސްޓްކުރި ދިއެފްއެމްގެ "މޯނިން އެޑިޝަން" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހާއި މަޖިލިސް މެމްބަރުންނާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިން ވީހާވެސް އަވަހަކަށް މަޖިލީހަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ.
އެ ސިޓީގައި އިތުރު އެއްވެސް ތަފްސީލެއް ހިމަނާފައެއް ނުވެ އެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ މިއަދު ވިދާޅުވީ، ދިއެފްއެމްގެ މޯނިން ޝޯ ރިކޯޑިން ހޯދުމަށް އެދި މަޖިލީހުން އަމީން އާއްމު، އަހްމަދު މުހައްމަދު ސޮއިކުރައްވައި އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި މަޖިލީހުން އެދިފައިވާ ޝޯގެ ރިކޯޑިން މިއަދު ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ~
"އަޅުގަނޑުމެން ކުޑައިރުކޮޅެއް ތެރޭގައި ފޮނުވާލަން މިއުޅެނީ ރިކޯޑިން. އަޅުގަނޑުމެންވާނީ ރެކޯޑިން ބޭނުންވާ ސަބަބު ސާފުކޮށްދެއްވުމަށް އެދި ސިޓީއެއް ވެސް ފޮނުވައިފަ،" މަސްއޫދު ވިދާޅުވި އެވެ.
ނަމަވެސް، ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހާއި މެމްބަރުންނާ ގުޅޭ ވާހަކަތަކެއް އިއްޔެ ދައްކާފައި ވަނީ އިއްޔެ ހެނދުނު 8:00 އިން 9:00 ފޮނުވި ދިއެފްއެމްގެ "ބްރެކްފަސްޓް ކްލަބް" ޝޯ ގައެވެ. އަދި އެތަނުން ފޮނުވާ މޯނިން ޝޯގެ ރިކޯޑިން ފޮނުވުމަށް މަޖިލީހުން އެދުނީ އޮޅިގެން ކަމަށް ވެސް އެނގިފައިވެ އެވެ.
މަސްއޫދު ވިދާޅުވީ، އެފަދަ އޮޅުމެއް އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގަންފައިނުވާ ކަމަށާއި މަޖިލީހަށް ފޮނުވާނީ އެ ސިޓީގައި އެދިފައި ޝޯގެ ރިކޯޑިން ކަމަށެވެ.
އިއްޔެ ދިއެފްއެމްގެ ވިޝުއަލް ރޭޑިއޯން ފޮނުވި "ބްރެކްފަސްޓް ކްލަބް" ޕްރޮގްރާމްގައި، ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ހޫނުވެ، މެމްބަރުން އަޑުގަދަކުރައްވަމުން ގެންދެވި މަންޒަރު ވަނީ ތަކުރާރުކޮށް ދައްކައިފަ އެވެ.
އަދި ދިއެފްއެމްގެ ރިކޯޑިން އަށް އެދިފައި ވަނީ، އެކަމާ ހިތްހަމަނުޖެހިގެން ބައެއް މެމްބަރުން ޝަކުވާ ހުށަހެޅުއްވުމުން ކަމަށް ވެސް ވަރަށް އިތުބާރުހުރި ފަރާތަކުން ސަން އަށް މައުލޫމާތު ދީފައިވެ އެވެ.
ނަމަވެސް، މަޖިލީހުގެ އާމީން އާއްމު ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.