03 Sep 2015, 15:10
ކޮރަޕްޝަންގެ އިނގިލި ދިއްކުރެވުމާ އެކު ގްއަޓެމާލާގެ ރައީސް އޮޓޯ ޕެރޭޒު މޮލިނާ އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވީ އޭނާ ހަޔަރު ކުރުމުގެ އަމުރެއް އެޓާނީ ޖެނެރަލް ނެރުއްވިތާ މަދު ގަޑިކޮޅެއްގެ ތެރޭގަ އެވެ.
މި ހަފުތާގެ ކުރީ ކޮޅު ގްއަޓެމާލާގެ ކޮންގްރެސް އިން ވަނީ ރައީސްގެ ހިމާޔަތް އުނިކޮށް ބާރުތައް ލުހެލައިފަ އެވެ.
ރައީސްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނާ އިސްތިއުފާ ދެއްވުމަށް ރައްޔިތުން ވަނީ އަޑު އުފުލައިފަ އެވެ. އެޓާނީ ޖެނެރަލް އެޅުއްވި ފިޔަވަޅާ އެކު ރައީސްގެ މައްޗަށް ޖިނާއީ ދަައުވާކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ އެވެ.
އެޓާނީ ޖެނެރަލް ތެލަމާ އެލްދަނާ ސީއެންއެން އަށް ވިދާޅުވީ ރައީސް އަށް ގައުމުން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހާއި އދ.ގެ ތަހުގީގު ކޮމިޝަނުން ބުނީ، އެ ގައުމަށް އިމްޕޯޓް ކުރާ ބައެއް މުދަލުން ނަގާ ޓެކްސް، ބައެއް ކުންފުނިތަކަށް ކުޑަކޮށްދޭނެ ކަމަށް ބުނެ، އެކަމުގެ މުގާބިލާއެއްގެ ގޮތުގައި ރައީސް އާއި ރައީސްގެ އައުވާނުންނަށް ރިޝްވަތު ދީފައިވާ ކަމަށެވެ.
މިދިޔަ މަހު ގައުމީ ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ރައީސް ވިދާޅުވީ އޭނާ އަކީ ކޮރަޕްޓް ބޭފުޅެއް ނޫން ކަމަށާއި އޭނާ އާ ދެކޮޅަށް އެ ވާހަކަ ދައްކަނީ އޭނާގެ ސިޔާސީ ދުސްމަނުން ކަމަށާއި އެ މީހުން ވަނީ ބޭރުގެ ފަރާތްތަކާ ގުޅިފައި ކަމަށެވެ.
ރައީސް ޕެރޭޒު މޮލިނާގެ ގާނޫނީ ވަކީލު އަންގާރަ ދުވަހު ސީއެންއެން އަށް ބުނީ ރައީސް ހުންނެވީ ފަނޑިޔާރުގެ ކުރިމައްޗަށް ގޮސް އޭނާ އަކީ މައުސޫމު މީހެއް ކަން ސާބިތުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.
ވަކީލު ވިދާޅުވީ ރައީސް އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި އަދި ނުވެސް ފިއްލަވާނެ ކަމަށާއި އަދި އެއްވެސް ބައެއްގެ ހިމާޔަތް ވެސް ނުހޯއްދަވާނެ ކަމަށެވެ.
އެޕްރީލު މަހުން ފެށިގެން ރައީސްގެ އިސްތިއުފާ އަށް އަންނަނީ އަޑުއުފުލަމުންނެވެ. ނަމަވެސް ރައީސް އޭރު ވިދާޅުވަމުން އައީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.