03 Sep 2015, 15:29
ޒީރޯ ޕަސެންޓް ހަކުރު ހިމެނޭ ކޮކާކޯލާ ކުންފުނީގެ އުފެއްދުން "ކޮކާކޯލާ ޒީރޯ" ފުރަތަމަ ފަހަރަށް ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
މިއަދު ސިޓްރޯން ލެމަންގްރާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮކާކޯލާގެ އެ ޕްރޮޑަކްޓް ރަސްމީކޮށް ލޯންޗް ކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ. އޭނާ ވަނީ ކޮކާކޯލާގެ އަލަށް ތައާރަފުކުރި ޕްރޮޑަކްޓްގެ ފުރަތަމަ ބުއިން ހިއްޕަވާފަ އެވެ.
ދުނިޔޭގެ މާކެޓުގެ ދެވަނައަށް އެންމެ ބޮޑަށް ވިކެމުންދާ އުފެއްދުން ކޮކާކޯލާ ޒީރޯ ފުރަތަމަ ފަހަރަށް ބާޒާރަށް ނެފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާރު ކޮކާކޯލާ ޒީރޯ، ދުނިޔޭގެ 150 ގައުމަކުން ލިބެން ހުރެ އެވެ. މިއަދު ރާއްޖެއަށް އެ ޕްރޮޑަކްޓް ލޯންޗް ކުރުމާ އެކު މިއީ ކޮކާކޯލާ ޒީރޯ ލިބެން ހުރި 151 ވަނަ ގައުމެވެ.

"ކޮކާކޯލާ ޒީރޯ" ޕްރޮޑަކްޓް ލޯންޗް ކުރުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
އެ ޕްރޮޑަކްޓް ލޯންޗް ކުރުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮކާކޯލާގެ ގެނެރަލް މެނޭޖަރު މިލިންދު ދެރަސާރީ ވިދާޅުވީ އެއްވެސް ވަރަކަށް ހަކުރު ނުހިމެނޭ އެ ޕްރޮޑަކްޓުގައި ރަހައިގެ ގޮތުން އާދައިގެ ކޯކާ ތަފާތެއް ނުހުންނާނެ ކަމަށެވެ.
ކ. ތުލުސްދޫގައި ހުންނަ މާލޭ ވޯޓާ އެރޭޓެޑް ކޮމްޕެނީ އިން ތައްޔާރުކޮށްގެން ނެރޭ އެ ޕްރޮޑަކްޓް ޕްރޮމޯޓު ކުރުމަށް ކުރިއަށް އޮތް ހަތަރު މަހު ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 25،000 ފަރާތަކަށް ސާމްޕަލް ޓެސްޓް ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް މިލިންދު ވިދާޅުވި އެވެ.
ކޮކާކޯލާގެ ހަކުރު ނުހުންނަ އެ ޕްރޮޑަކްޓް ފިހާރަތަކުން ލިބެން ހުންނާނީ 330 އެމްއެލް އާއި 500 އެމްއެލްގެ ޕެޓް ފުޅިތަކުގަ އެވެ. ފެންޓާ ސްޓްރޯބެރީ ފަދަ ޕްރޮޑަކްޓްތަކުގެ އެވަރުގެ ފުޅިތައް ހުންނަ އަގަށް ކޯކުގެ އެ އުފެއްދުން ލިބޭނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބުނެފަ އެވެ.