މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމަލު ކުރަން ފެށި ގާނޫނުލް އުގާބާތަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ އިސްލާހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އާ ގާނޫނުލް އުގޫބާތުގެ ތިން މާއްދާއަކަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ. އިސްލާހު ގެނެސްފައިވާ މާއްދާތަކަކީ ގާނޫނުލް އުގޫބާތުގެ ފައިސާގެ އަދަދުތައް މުރާޖައާކުރުމުގެ މާއްދާ އާއި ރިޝްވަތު ހުށަހެޅުމާއި މަންފާއެއްގެ ގޮތުގައި ފައިސާ ދިނުމުގެ މާއްދާގެ އިތުރުން ހައްދުގެ ކުށްތައް ބަޔާންކޮށްފައިވާ މާއްދާއަށެވެ.

ފައިސާގެ އަދަދުތައް މުރާޖައާކުރުމުގެ މާއްދާގައި މިހާރު ބުނެފައި ވަނީ ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް ޓަކައި މަދުވެގެން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ރައްޔިތުންގެ މަޖިލީހުން އެ އަދަދު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަންޖެހޭނެ ކަމަށެވެ.

މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް ޓަކައި މަދުވެގެން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އެ އަދަދު މުރާޖައާކޮށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ގާނޫނުގެ 314 ވަނަ މާއްދާގެ (ށ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގެ (ހ)ގެ ދަށުން ގަބޫލުކުރުމުގެ ހުއްދަ ނެތް މަންފާއެއް ލިބިގެންފި މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

ހައްދުގެ ކުށްތައް ބަޔާންކޮށްފައިވާ މާއްދާގައި މިހާރު ބުނެފައި ވަނީ ގުރުއާނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނުލް އުގޫބާތާއި ގުރުއާނުގައި ކަނޑައަޅާފައިވާ އުގޫބާތެއް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.

އަނެއް އިސްލާޙުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ހައްދުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މިންގަނޑުން ސާބިތުނުކުރެވުނު ކަމަށް ވިޔަސް ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށެއް ސާބިތުކުރަން ކަނޑައަޅާފައިވާ މިންގަނޑުން އެ ކުށެއް ސާބިތުކުރެވިއްޖެ ނަމަ، އެ ގާނޫނުގެ ދަށުން އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބެއް ދޭންވާނެ ކަމަށެވެ.

ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށްތައް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަންތައްތަކާއި އަދަބު ކަނޑައެޅުމުގެ އުސޫލާއި އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.