03 Sep 2015, 12:30
އެފްއޭއެމްގެއާ އަސާސީ ގަވާއިދު ފާސްކުރުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ ކޮންގްރެސްގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓް ލާނެ ޓީމްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމެރީ މިރޭ އޮންނާނެކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މިރޭ ބާއްވާ ޕްރައިމެރީގައި ދެވަނަ ޑިވިޝަންގެ ފަސް ޓީމްގެ މެދުގައި ބާއްވާ ޕްރައިމެރީއިން ކޮންގްރެސްގައި ވޯޓް ދޭނެ ތިން ޓީމެއް ކަނޑައެޅިގެން ދާނެ ކަމަށެވެ.
އަދި ތިން ވަނަ ޑިވިޝަންގެ އަށް ޓީމްގެ މެދުގައި ޕްރައިމެރީ ބޭއްވުމަށް ފަހު ކޮންގްރެސްގައި ވޯޓް ދޭނެ ދެ ޓީމެއް ކަނޑައެޅިގެން ދާނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އެޑިވިޝަނަކުން ކޮންގްރެސް އަށް ދާނެ ޓީމެއް ކަނޑައަޅުމަށް ޕްރައިމެރިގައި ވޯޓް ދޭނީ އެޑިވީޝަނެއްގެ ކުލަބުތަކުން ކަމަށެވެ.
"ދެ ވަނަ ޑިވިޝަންގެ ޕްރައިމެރީގައި ދެ ވަނަ ޑިވީޝަންގެ ކުލަބުތަކުން ވޯޓް ދޭނީ އެޑިވިޝަނަކުން ކޮންގްރެސްގައި ތަމްސީލު ކުރާނެ ޓީމެއް ކަނޑައެޅުމަށް،" ބައްސަމް ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންތިޚާބުގައި ފުރަތަމަ ޑިވިޝަންގެ މަހިބަދޫ ފިޔަވައި އަނެއް ހަތް ޓީމަށް ވޯޓް ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މަހިބަދޫއަށް އެފުރުސަތު ނުލިބެނީ އެފްއޭއެމްގެ މެންބަރަކަށް ނުވާތީ އެވެ.
އެފްއޭއެމްގެ މުބާރަތްކުގައި ފަސް އަހަރު ވަންދެން ވާދަކޮށްފައިވާ ޓީމަކަށް ނުނީ އެފްއޭއެމްގެ މެންބަރޝިޕް ނުލިބެ އެވެ.
މަހިބަދޫ އެފްއޭއެމްގެ މުބަރާތްތަކުގައި ވާދަކުރާ މިއީ ތިން ވަނަ އަހަރެވެ.