03 Sep 2015, 12:26
މީރާގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މީރާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. އަދި އެޗްޑީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިޔަންކާ ބައްދަވިދާތާ އެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔަޒީދު މުހައްމަދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން މީރާގެ މުއައްޒަފުންނަށް މާލެއިންނާއި ހުޅުމާލެއިން އެޕާޓްމެންޓް ހޯދުމަށް ބޭނުންވާ ލުއިފަސޭހަ ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެޕާޓްމެންޓެއް ނަގަން ބޭނުން ކަމުގައި ވިޔަސް ނުވަތަ އެޕާޓްމެންޓަކަށް ފަރުނީޗަރު ގަންނަން ބޭނުން ކަމުގައި ވިޔަސް އަދި އެޗްޑީއެފްސީ މެދުވެރިކޮށް ލޯނެއް ނަގަން ބޭނުންވި ނަމަވެސް އާންމުކޮށްދޭ ކޮމާޝަލް ރޭޓަށް ވުރެ ކުޑަ ރޭޓެއްގައި މީރާގެ މުއައްޒަފުންނަށް އެހީ ލިބިގެން ދާނެ ކަމަށެވެ.
އެ ސްކީމުގެ ތެރެއިން މީރާގެ މުއައްޒަފުންގެ މުސާރައިން އެއްބައި އުނިކޮށްގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޔަޒީދު ވިދާޅުވި އެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
އެ ރަސްމިއްޔާތުގައި އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ކޯޕަރޭޝަންގެ އަމާޒަކީ ވީހާ ވެސް ހަރަދުކުޑަ ގޮތެއްގައި ދިގު މުއްދަތަކަށް ދެމިގެންދާ ލޯން ސުކީމްތަކެއް އެކުލަވާލުން ކަމަށެވެ.