ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މުހިންމު މައުލޫމާތުތައް ގެނެސްދިނުމަށް ސަން މީޑިއާ އިން މީގެ އަހަރެއްހައި ދުވަސް ކުރީން ތަޢާރަފުކުރި "ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ފުވައްމުލަކަށް ޚާއްސަ އޮންލައިން ސަފުހާ ތައާރަފުކޮށް އެ ޕްރޮގްރާމް ފަށައިފި އެވެ. ފުވައްމުލަކަށް ޚާއްސަ އޮންލައިން ސަފުހާ ސަން ގައި ތައާރަފުކޮށްފައި ވަނީ ރޭ 12 ޖެހި އިރު އެވެ.

ޚާއްސަ ސޮފުހާ ރޭ ތައާރަފުކުރި އިރު ފުވައްމުލަކުގެ ތާރީޚާ ގުޅުން ހުރި ވަރަށް ތަފްސީލީ ރިޕޯޓުތަކެއް ވަނީ އެ ސަފުހާގައި ޝާއިއުކޮށްފަ އެވެ.

ސަން ގެ ނިއުސް ޓީމުން ނާސިހު ފުވައްމުލަކު ފުނާޑު އަންހެނުންގެ ކޮމިޓީގެ ރައީސާއާ މިއަދު އިންޓަވިއުކުރާ އިރު ސަން އޮންލައިންގެ ފޮޓޯގްރާފަރު ފަޔާޒް މޫސާ ފޮޓޯ ނަގަނީ އަދި ސަން ޓީވީގެ ވީޑިއޯގްރާފަރު ޝާމިން ވީޑިއޯ ކުރަނީ --- ސަން ފޮޓޯ

މި ޕްރޮގްރާމްގެ ފުރަތަމަ ދަތުރު ފުވައްމުލަކުން ފަށައިފައިވާ އިރު ސަން މީޑިއާގެ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ނިއުސް ޓީމެއް ރޭ ވަނީ ފުވައްމުލަކަށް ގޮސްފަ އެވެ. އަދި މިރޭގެ ވަގުތެއްގައި އިތުރު އަށް މެންބަރުން ފުވައްމުލަކަށް ދާނެ އެވެ. މި ޓީމުގައި، ނޫސްވެރީންނާއި އެޑިޓަރުންނާއި ކެމެރާމަނުންނާއި ވިޑީއޯގްރާފަރުންނާއި ޕްރެސެންޓަރުން ހިމެނޭނެ އެވެ. މި ޓީމުން ތިން ދުވަސް ފުވައްމުލަކުގައި ހޭދަ ކުރާނެ އެވެ. އަދި ފުވައްމުލަކުގެ ތާރީޚާއި އެހާރާއި މިހާރާ ގުޅޭ މުހިންމު ޚަބަރު ތަކާއި ރިޕޯޓުތައް ގެނެސްދޭނެ އެވެ. ވަކީން ޚާއްސަ ގޮތެއްގައި، ރަށުގެ ތިމާވެށީގެ މައްސަލަ ތަކާއި ތައުލީމާއި ސިއްހީ ދާއިރާގެ މައްސަލަތައް އަދި އިޖުތިމާއީ މައްސަލަތައް ފަދަ މުހިންމު ބައިތަކާ ގުޅޭ ތަފްސީލީ ރިޕޯޓުތައް ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ފޮޓޯ ތަކާ އެކު ގެނެސްދޭނެ އެވެ.

ސަން އިން ވަނީ މި ޕްރޮގްރާމްގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ގޮތުން ބައެއް ފަރާތްތަކުން އަންނަނީ ސަން ޓީމާ އެކު ވޮލަންޓިއަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވަމުންނެވެ. އެ ފަރާތްތައް ހަރަކާތްތެރި ވާނީ ސަން އިންދޭ ވޮލަންޓިއާ ފާސް އަޅައިގެންނެވެ. ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަން އިން ހަނދާނީ ލިޔުންވެސް ދޭނެ އެވެ. ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ވޮލަންޓިއަރަކަށް ވާން ބޭނުން ނަމަ މިހާރު ގުޅުއްވާނީ 9982747 އަށެވެ.