03 Sep 2015, 12:07
(ބެއިޖިން، ސެޕްޓެމްބަރު 3) -- ޗައިނާގެ އަސްކަރިއްޔާ އިން 300،000 މީހުން ކަނޑަލަން ނިންމަވާފައިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުގެ މައްޗަށް ޗައިނާ އިން ހޯދި ކާމިޔާބަށް 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ވެރިރަށް ބެއިޖިންގްގެ ޓިއެންމެން ސުކްއާގައި ބޭއްވި ޕެރޭޑްގައި ވާހަކަ ދައްކަވަމުން ޝީ ފާހަގަކުރައްވާފައި ވަނީ 2.3 މިލިއަން މީހުން ހިމެނޭ ޗައިނާގެ އަސްކަރިއްޔާ ދެ މިލިއަނަށް ކުޑަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ ޗައިނާ އިން އަބަދުވެސް ހިނގަނީ ސުލްހައިގެ މަގުގައި ކަމަށާއި އިސްކަން ދޭނީ ވެސް ސުލްހަ ގާއިމުކުރުމަށް ކަމަށެވެ.
"ހަނގުރާމައިގައި ވަނީ ލޭއޮރުވުމާއި އަނިޔާވެރިކަން އަދި ނަސްލީތަފާތު ކުރުން. އަދި ހަނގުރާމައި އަބަދު ތަހަންމަލް ކުރާނީ ކާރިސާއާއި ވޭން،" 12000 ސިފައިން ބައިވެރިވި ޕެރޭޑް ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން ޝީ ވިދާޅުވި އެވެ.
ޗައިނާގެ އަސްކަރިއްޔާ އިން 300،000 މީހުންގެ އަސްކަރީ ވަޒީފާ އުނިކުރައްވާނެ ކަމަށް ޝީ ވިދާޅުވި ނަމަވެސް އެކަން ކުރައްވާނެ ވަކިތާރީޚެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
މީގެ ކުރިން ވެސް ޗައިނާގެ އަސްކަރިއްޔާ އިން ވަނީ ތިން ފަހަރެއްގެ މަތިން މީހުން ވަކިކޮށްފަ އެވެ. އެއީ 1980 ގެ ކުރިން ޗައިނާގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ ގޮތުންނެވެ.
ތިން ލައްކަ މީހުން އަސްކަރިއްޔާގެ ވަޒީފާތަކުން އުނި ކުރި ނަމަވެސް ޗައިނާގެ އަސްކރިއްޔައަކީ އަދިވެސް ދުނިޔޭގެ އެންމެ ބޮޑު އަސްކަރިއްޔާއަށް ވެގެންދާނެ އެވެ.
މިއަދު ރަސްމިއްޔައްތުގައި ރަޝިއާގެ ރައީސް ވަލަޑަމިއާ ޕުޓީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. -- ރޮއިޓާސް