ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ސާވިސް އަށް ތޮޔޮ ދޫކުރުމަށް އޮންނަ ކްރެޑިޓް ލިމިޓް ކުޑަކޮށް، އެ ކުންފުނިން އެސްޓީއޯ އަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ކުޑަކުރި މައްސަލަ މެރީޑިއަމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ސުޕުރީމް ކޯޓުން ވަނީ ތާވަލު ވެސް ކޮށްފަ އެވެ.

މެރީޑިއަމް ސާވިސް އާއި އެސްޓީއޯ އާ ދެމެދު ތެޔޮ ދޫކުރުމަށް ފުރަތަމަ އެއްބަސްވީ، ކްރެޑިޓް ލިމިޓް 20 މިލިއަން ރުފިޔާގެ ތެޔޮ ދޫކުރުމަށާއި ކްރެޑިޓް ބިލްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭނީ 40 ދުވަހުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުމަށް ބަދަލުގެނެސް، ކްރެޑިޓް ލިމިޓް 20 މިލިއަން ރުފިޔާ އިން 10 މިލިއަނަށް ދަށްކޮށް، ކްރެޑިޓް ބިލްތަކަށް އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތު 40 ދުވަހުން، 30 ދުވަހަށް ވަނީ އެސްޓީއޯ އިން 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުޑަކޮށްފަ އެވެ.

އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެސްޓީއޯގެ އެ ނިންމުމަކީ އެއްބަސްވުމާ ޚިލާފް ނިންމުމެއް ނޫން ކަމަށެވެ.