03 Sep 2015, 11:16
އަންހެނުންގެ ކުރިއެރުމާއި ތަރައްގީއާ ބެހޭ ގޮތުން "ވިމެން އޮން ބޯޑްސް" އާއި މެކުއާ އިންޓަނޭޝަލް ގުޅިގެން ބާއްވާ 'ދަ ކޮންފަރެންސް ފޯ ވިމެން'ގެ ޓައިޓްލް ސްޕްންސާ އަކަށް އުރީދޫ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އުރީދޫ މައި އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވިމެން އޮން ބޯޑްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ފައުންޑާ އަދި ރައީސާ ފާތުމަތު ޝަފީގާ އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އެ ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ.
އެ ކޮންފަރެންސްގެ ބޭނުމަކީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ލީޑާޝިޕް އިތުރުކުރުމާއި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތް ދަސްކޮށްދިނުން ކަމަށް ވިމެން އޮން ބޯޑްސްގެ މެމްބަރު އަދި ޗީފް އޮޕަރޭޓިން އޮފިސާ އައިޝަތު ރަފިއްޔާ ވިދާޅުވި އެވެ.
"މިއީ އަންހެނުންނަށް ދިވެހިރާއްޖޭގައި މި ލެވަލްގައި ބާއްވާ ފުރަތަމަ ކޮންފަރެންސް،" ރަފިއްޔާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގެ އަންހެނުންގެ ލީޑާޝިޕާ ބެހޭ ގޮތުން ބާއްވާ ކޮންފަރެންސްގައި ހަވާޑް ޔުނިވާސިޓީގެ ތަޖިރިބާކާރެއް ކަމަށްވާ އަރްޗަނާ ލޯ ބައިވެރިވެވަޑައިގެންނެ ކަމަށް ވިމެން އޮން ބޯޑްސް އިން ބުންޏެވެ. އަދި އެ ކޮންފަރެންސްގައި 85 މީހަކު ބައިވެރިވާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފާހަގަކޮށްލެވޭ އަންހެން ޝަޚުސިއްޔަތުތައް ހިމެނޭ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
އެ ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ. މީގެ އިތުރުން ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި އެސްޓިއޯ އާއި މޫކައި ސުއިޓްސް އަދި ސްރީލަންކަން އެއާލައިންސް ހިމެނެ އެވެ.