ސަރުކާރުގެ ބެލުމުގެދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ބެލެނިވެރިކަން އެހެން ފަރާތްތަކާ ހަވާލުކުރުމުގެ ކުރިން، ކުދިންގެ ފުރިހަމަ ރައްކާތެރި ކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ބުނެފި އެވެ.

އާކް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލަށް އާކްއިން މަރުހަބާކިޔާ ކަމަށެވެ. އަދި ކުޑަކުދިންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނީ އާއިލާއެއްގެ ލޯތްބާއި އަޅާލުމާ އެކު ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެން ކަމަށް ވެސް އާކުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މިގޮތުން، ސަރުކާރުގެ ބެލުމުގެދަށުގައި މަރުކަޒުތަކުގައި ދިރިއުޅެންޖެހިފައިވާ ކުދިންގެ ބެލެނިވެރިކަން އާއިލާއަކާ ހަވާލުކުރުމުގެ އުޞޫލުގެދަށުން އެކުދިންނަށް އާއިލާއެއްގެ ލޯތްބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްގައި އުޅެބޮޑުވުމަށް މަގުފަހިވެގެންދެ އެވެ. އާކްއިން ގަބޫލްކުރާ ގޮތުގައި ސަރުކާރުގެ ބެލުމުގެދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ބެލެނިވެރިކަން އެހެން ފަރާތްތަކާ ހަވާލުކުރުމުގެ ކުރިން، ކުދިންގެ ފުރިހަމަ ރައްކާތެރިކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމުކަމެކެވެ." އާކް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އާކް އިން ބުނީ ކުޑަކުދިންގެ ބެލެނިވެރިކަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު ވެސް ހިނގަމުންދާ ފޮސްޓާ ކެއާ ޕެނަލްގެ ބެލުމުގެ ދަށުން ކަމަށް އުސޫލުގައި ބަޔާންކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކެއްގެމަތިން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް، އެކަން ކުރިއަށްގެންދިއުމަށް ޓަކައި ފޮސްޓާ ކެއާ ޕެނަލްގެ ދަޢުރެއް މިކަމުގައި ކަނޑައަޅާފައި އޮތުން ވަރަށް މުހިއްމުކަމުގައި އާކްއިން ގަބޫލުކުރަމެވެ. ފޮސްޓާ ކެއާ ޕެނަލްގެ ލަފައާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިން ދާއިމީކޮށް އެހެން އާއިލާތަކާ ހަވާލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް، ވަގުތީގޮތުން ކުދިންގެ ބެލެނިވެރިކަން ހަވާލުކުރުމުގައި ވެސް، ކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޓަކައި، އެކި އެކި ދިރާސާތަކާއި މަސައްކަތްތައް ކުރިއަށްގެންދިއުމަކީ ކޮންމެހެން ވެސް ބޭނުންކަމެކެވެ." އާކްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އާކްގެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުދިންނަށް އަޅާލުމާއި އެއްބާރުލުން ދިނުމާއި މަގުދައްކައިދިނުމުގެ އިތުރުން، ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ބޭނުންތައް ފުރިހަމަކޮށް ދެވޭނެ ފަދަ ހަމަޖެހުން ލިބިދޭ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ބެލެނިވެރިކަމާ ހަވާލުވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

ހަމައެއާ އެކު ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ ނިޒާމަށް ވަންނަ ކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށްޓަކައި އެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، ބެލެނިވެރިކަމާ ހަވާލުވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ޤަވާޢިދުން ކުދިންގެ ހާލަތު މޮނިޓާ ކުރުމަކީ ވެސް ވަރަށް މުހިއްމުކަމެއް ކަމެއް ކަމަށް އާކް އިން ބުންޏެވެ.

ޖެންޑާ މިނިސްޓްރީ އިން އެކުލަވާލި އެ އުސޫލުގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ތަފާތު އެކި ސަބަބުތަކާ ހުރެ އެ ކުދިންގެ އާއިލާތަކާ ހަވާލު ނުކުރެވޭނެ ހާލަތްތައް މެދުވެރިވެފައިވާ ކުދިން ކަމަށެވެ.