އެމްއެންޑީއެފްގެ ވަޒީފާ އިން ވަކިކޮށްނުދީގެން އެމްއެންޑީއެފް ތަމްސީލު ކުރައްވާ ވަކީލަކު އެމްއެންޑީއެފްއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ސްޓާފް ސާޖަންޓް މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިވުމަށް ސިފައިންގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ސިފައިންގެ ވަޒީފާ އިން މިހާތަނަށް ވެސް ވަކިކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ވަޒީފާ އިން ވަކިވެވޭނެ ހަމައެކަނި ގޮތަކީ ކޯޓަށް ދިއުން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ހުށަހެޅުއްވި އެ މައްސަލަ ކޯޓުގެ އަވަސްނިޔާ ބައިން ބަލައިގަނެ ރަޖިސްޓްރީ ވެސް ކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ސިފައިންގެ ރިޓަޔާމަންޓް ފައިސާ ނުދީގެން އެމްއެންޑީއެފްއާ ދެކޮޅަށް މީހަކު ދައުވާ ކުރާ މައްސަލައެއްގައި ވެސް އެމްއެންޑީއެފް ތަމްސީލު ކުރައްވަނީ ފައިސަލް އެވެ.