16 Mar 2011, 11:50
ދައުވާ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހެއް މާލޭގައި ނުހުންނަ ފަރާތްތަކުގެ މައްސަލައެއް ބަލައިނުގަތުމަށް ފެމިލީ ކޯޓުން ކުރި އިއުލާނަށް އަމަލު ކުރުން ފަސް ކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އެ މައްސަލަ ހައި ކޯޓުން ބަލައިނިމެންދެން ފެމިލީ ކޯޓުން ކުރި އިއުލާނަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރު ކުރާ ކަމަށެވެ.
އާޒިމާ ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ތައާރުޒުވާ ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދައިގެ ތަރަހައިން ވެސް ބޭރުން ކަމަށެވެ. އަދި އެއީ ކޯޓުތަކުގެ ގާނޫނުގެ 69 ވަނަ މާއްދާ އިން ފެމިލީ ކޯޓަށް ލިބޭ އިހުތިސާސްތައް ވެސް ހަނި ކުރެވޭ، އެ ގާނޫނާ ވެސް ތައާރުޒުވާ ނިންމުމެއް ކަމަށާއި އެހެންކަމުން އެ ނިންމުން ބާތިލް ކޮށްދެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ހ. ގެ ދަށުން ކޮންމެ މީހެއްގެ ވެސް މަދަނީ ހައްގުތައް ކަނޑައެޅުމުގައި މުސްތަގިއްލު ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ ފެމިލީ ކޯޓުން އެގޮތަށް ނިންމާފައި ވަނީ ފެމިލީ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ކުރީގެ އާއިލާއާ ބެހޭ ކޯޓުގެ ހުރިހާ މައްސަލައެއް ވެސް ހިމަނާފައި ވަނިކޮށް ކަމަށެވެ. އަދި ފެމިލީ ކޯޓުން އެ ގޮތަށް ނިންމުމުން ކޯޓުތައް ބޭނުން ކުރުމުގައި އާންމުންނަށް ވަރަށް ދަތިވެ، ކޯޓުތައް ބޭނުން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ވެސް އާޒިމާގެ ދައުވާގައިވެ އެވެ.