16 Mar 2011, 11:44
ލޯކަލް ކައުންސިލް އިންތިހާބުގައި ދޮގު މައުލޫމާތު ދީގެން ބައިވެރިވާން އުޅުނު މީހަކާއި ވޯޓު ކަރުދާސް ވީޑިއޯ ކުރި މީހަކު ޖޫރިމަނާ ކުރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޅ. ނައިފަރު، ހަވީރީހިޔާ، ހައްސާން އަލިފުޅުގެ މައްޗަށް ހުކުމް ކުރައްވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ އޭނާއަކީ މީގެ ކުރިން މަސްތުވާއެއްޗެއް ބޭނުންކޮށްގެން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އެކަމަކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެފަދަ މީހަކަށް ބައިވެރިނުވެނޭ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު ވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށް ބުނެ ހައްސާން އިގްރާރްވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ދައުވާގައި ހުށަހަޅާފައިވާ ލިޔުންތަކުންނާއި ހައްސާން އަމިއްލަ އިއުތިރާފުން އެކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުގެ މަތިން ހައްސާން އަލިފުޅު 20،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ހައި ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފަނޑިޔާރު ހުކުމް ކުރެއްވި އެވެ.
ވޯޓު ކަރުދާސް ވީޑިއޯ ކޮށްފައިވާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މުވައްޒަފެއް ކަމަށްވާ ގދ. ދެއްވަދޫ، ކާނޭޝަންގޭ، އަހުމަދުﷲ ޖަމީލްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ ކުރި މައްސަލައިގައި ފަނޑިޔާރު ވިދާޅުވީ ވޯޓުލާ ސަރަހައްދު ވީޑިއޯ ކުރުމަކީ މަނާ ކަމެއް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަހުމަދުﷲގެ އަމިއްލަ އިއުތިރާފުން އެކަން ސާބިތުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އޭނާ 12،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކުރެއްވީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.