03 Sep 2015, 01:16
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެންނަވާ ތަރައްގީގެ "ހައި ސްޕީޑު"ގައި ގައުމީ ޔުނިވަސިޓީ ފައިހަމަ ކުރާނެ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ 648 ދަރިވަރަކު ދަސްވެނިވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ލަތީފު މިރޭ ވިދާޅުވީ ރައީސް ޔާމީން ވަޑައިގަންނަވާ "ހައި ސްޕީޑާ" އެއްވަރަށް ފައިހަމަ ކުރުމަށް ޔުނިވާސިޓީން މަސައްކަތް ކުރާނީ "ވަސީލަތްތައް ތަންދިން އެންމެ މަތީ ދަރަޖަ"އިގައި ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް ގައުމީ ޔުނިވާސިޓީގެ ވެރިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ލަތީފު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ތަރައްގީއާއެކު ކުރިއަށް އެ ވަޑައިގަންނަވާ ހައި ސްޕީޑާ އެއްވަރަށް ފައިހަމަ ކުރެވޭނެ ގޮތެއްގައި މި ޔުނިވާސިޓީގެ ވަސީލަތްތައް ތަންދިން އެންމެ މަތި ދަރަޖައެއްގައި މަސައްކަތް ކުރަމުން ގެންދިއުމަކީ މި ޔުނިވާސިޓީގެ އެންމެހައި ފެކަލްޓީތަކަކާއި މަރުކަޒުތަކުގެ އަމާޒު ކަމުގައި ދަންނަވަން،" ލަތީފު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ކުރިއަރަމުން އަންނަނީ ވަރަށް ހަލުވި މިނެއްގައި ކަމަށާއި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް "ވަރަށް ވެސް އުއްމީދީ" ކަމަށެވެ.
ސަރުކާރުގެ މަޝްރޫއުތަކަށް އެކި ރޮނގުތަކުން ހުނަރުވެރި ގާބިލް މީހުން ބޭނުންވާ ކަމަށް އިޝާރާތް ކުރައްވައި ޑރ. ލަތީފު މިރޭ ވާނީ ވާހަކަފުޅު ދައްކަވާފަ އެވެ.
"ދިވެހި ގައުމު ކުރިއަރަމުން މި އަންނަނީ ވަރަށް ވެސް ހަލުވި މިނެއްގައި. މިއަދުގެ ސަރުކާރުގެ ތަސައްވުރުތަކާއި ތަރައްގީގެ މަޝްރޫއުތައް ވަރަށް ވެސް ގިނަ. ވަރަށް ވެސް ފުޅާ. ވަރަށް ވެސް އުންމީދީ. އެ ތަސައްވުރުތަކާއި މަޝްރޫއުތަކަށް ބަލާއިރު، ބޭނުންވާ ހުނަރުވެރި ގާބިލް ކަމުގައި ބޭނުންވާ ރޮނގުތައް ވަރަށް ގިނަ. އަދަދުތަކާއި ރޮނގުތަކަކީ ގައުމީ ޔުނިވާސިޓީން އެއާމެދު ވިސްނައި ރިޔާއަތްކޮށް ރޭވުންތައް ރާވައި ތަންފީޒު ކުރަންޖެހޭ އަދަދުތަކަކާއި ރޮނގުތަކެއް،" ސީއެސްސީގެ ރައީސްކަން ވެސް ކުރައްވާފައިވާ ލަތީފު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ މިއަހަރުގެ ދެ ވަނަ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ލަތީފު ވިދާޅުވީ ޔުނިވާސިޓީ ހަރަކާތްތެރިވާން ޖެހޭނީ ހަމައެކަނި މާކެޓަށް ނޫން ކަމަށާއި ދުޅަނހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ގައުމީ ޔުނިވާސިޓީ ހަރަކާތްތެރިވާންޖެހޭ ކަމަށެވެ.
ޔުނިވާސިޓީއަކީ ރާއްޖޭގެ އިލްމުވެރިކަމުގެ ހާއްސަ ކިއްލާ ކަމަށާއި އެތަނަކީ ގައުމު ފަހުރުވެރިވާ ތަނަކަށް ވާންޖެހޭ ކަމަށް ލަތީފު މިރޭ ވިދާޅުވި އެވެ.
"މި ޔުނިވާސިޓީން ހަރަކާތްތެރިވާންޖެހޭނީކީ ހަމައެކަނި މާކެޓަކަށް ވެސް ނޫން. ހަރު މުދަލާއި ފައިސާއިން އެއް ގޮތަކަށް ވެސް މުއާމަލާތް ނުކުރާ ރޮނގުތަކުން ވެސް، ދުޅަނހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކާ ގައުމީ ޔުނިވާސިޓީން ހަރަކާތްތެރިވާންޖެހޭ،" ލަތީފު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ މިއަހަރުގެ ދެ ވަނަ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ޔުނިވާސިޓީގެ މިއަހަރު ދެ ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 648 ދަރިވަރަކު ވަނީ ދަސްވެނިކަމުގެ ސަނަދު ހާސިލްކޮށްފަ އެވެ. އެ ދަރިވަރުންގެ ތެރޭގައި މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ހަތަރު ދަރިވަރުންނާއި ޕޯސްޓް ގްރެޖުއޭޓްވެފައިވާ 125 ދަރިވަރުން ހިމެނެ އެވެ. އަދި 214 ދަރިވަރަކު ވަނީ ޑިގްރީހާސިލްކޮށްފަ އެވެ. މިރޭ ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 305 ދަރިވަރަކު ވަނީ ޑިޕްލޮމާގެ ސަނަދު ހޯދާފަ އެވެ.