16 Mar 2011, 10:40
ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ނިންމުންތަކަށް ސަރުކާރުން ދަނީ ގޮންޖައްސަވަމުން ކަމަށް އިދިކޮޅު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން، މެޖޯރިޓީ ލީޑަރު ވިދާޅުވީ މުސްތަގިއްލު މުއައްސަސާތަކުގެ އެންގުންތަކަށް ސަރުކާރުން އިހްތިރާމް ކުރަމުން ނުދާކަމަށެވެ.
"ޒަމާނީ ޑިމޮކްރަސީގެ އަސާސްތައް ހިފަހައްޓައި، އުސޫލުތައް ދެމެހެއްޓުމަށް ގާނޫނު އަސާސީގައި ވަނީ މިނިވަން މުއައްސަސާތަކެއް އުފައްދާފައި. ނަމަވެސް ފެންނަމުން މިދަނީ، ސަރުކާރުން، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކަށް ގޮންޖައްސަވަމުން ގެންދަވާތަން. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނިންމުންތަކާއި އެންގުންތަކަށް ސަރުކާރުން އަމަލު ކުރައްވަނީ އެކި ފަހަރު އެކި ގޮތަށް. ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރިޕޯޓްތަކަށް ސަރުކާރުން ދަނީ ގޮންޖައްސަވަމުން. އެމްޕްލޯއިމެންޓް ޓްރައި ބިއުނަލްގެ ނިންމުންތަކަށް އިހްތިރާމެއް ނުކުރައްވައި، ސިވިލް ސާވިސްގެ ނިންމުންތައް ތަންފީޒު ކުރަންޖެހެނީ ކޯޓުތައް މެދުވެރިކޮށް،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ، މިހާރު މުޖުތަމުއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނާއި ގަވާއިދުގެ ބާރު ނުހިނގުން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާފައިވީ ނަމަވެސް ގައުމުގައި ހިންގާ ގޭންގު ކުށްތަކާއި ބިރުވެރިކަމުން ގައުމު ސަކާމަތް ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަލަމުން ނުދާކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ، މުޖުތަމައުގެ އާދޭހަށް ވުރެ ކުށްވެރިންގެ އަޑު ގަދަވެ، ބިރުވެރިކަން އެތައް ގުނައަކަށް އިތުރުވެފައިވުން. ގޭންގު ކުށްތައް އާއްމުވެ، ޖެހިލުމެއްނެތި ރޯމާ ދުވާލު މާރާމާރީތައް ހިންގަމުންދާ އިރު އެކަންކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރަމަކުންނުދޭ. ސަރުކާރުން ކުރިން ބުނަމުންއައީ އެކަމަށް ބޭނުންވާ ގާނޫނުތައް މަޖިލީހުން ހަދައި ނުދޭ ވާހަކަ. ނަމަވެސް މަޖިލީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު މަޖިލީހުން ވަނީ އަދާކޮށްދީފައި. ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި މަނާކުރުމުގެ ގާނޫނު މަޖިލީހުން ވަނީ ފާސްކޮށްފައި. އެހެންކަމުން ގާނޫނުތަކުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ހޯދައި ދިނުމަށް ސަރުކާރަށް ދަންނަވަން،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓް ޑިފިސިޓް ކުޑަކުރެވިފައިވާ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް، ޑެފިސިޓް ކުޑަވެގެންދިޔައީ ރައްޔިތުންގެ ހަރު މުދާ ނުއަގުގައި ވިއްކައިގެން ލިބުނު ފައިސާ އިން ކަމަށެވެ.
"ޖީއެމްއާރަށް އެއާޕޯޓް ކުޔަށް ދެއްވައިގެން އަޕްފުރަންޓް ކުލީގެ ގޮތުގައި ނަންގަވާފައިވާ 78 މިލިޔަން ޑޮލަރު، [ގާތްގަނޑަކަށް އެއްބިލިޔަން ރުފިޔާ] ލިބުނު އިރު ޑެފިސިޓް ކުޑަކުރެވުނީ އެންމެ 700 މިލިޔަން ރުފިޔާ އިން. ޑެފިސިޓް ކުޑަކުރެއްވުމަށް އެޅުއްވި މައިގަނޑު ފިޔަވަޅެއްގެ ގޮތުގައި ފެންނަން އޮތީ ހަމައެކަނި ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ ކުޑަ ކުރެއްވުމަށް އެޅުއްވިފިޔަވަޅު،" ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތަސްމީން ސަރުކާރަށް ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ، އެމްޑީޕީ ސަރުކާރާ ހަވާލުވި ފަހުން މި ވޭތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ދަރަނި ވެސް އިތުރު ވެފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުންތަކަށް ސަރުކާރުން ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަނީ ދަށަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެހާސް އަށް ވަނަ އަހަރު، އެމްޑީޕީން ސަރުކާރާ ހަވާލުވި އިރު ސަރުކާރުން ދަރާފައިވާ ޖުމްލަ ދަރަނި ހުރީ 470 މިލިޔަން ޑޮލަރުގައި. އެހެންކަމުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 106 މިލިޔަން ޑޮލަރު ދަރަންޏަށް އިތުރުކުރައްވާފައިވާކަމީ، ކަންބޮޑުވާކަމެއް." ތަސްމީން ވިދާޅުވި އެވެ.