16 Mar 2011, 10:05
ސްވިޒަލޭންޑްގެ ޖެނީވާގައި މިރޭ އޮންނަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކުރާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ރިޕޯޓް ފާސްކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ރާއްޖެ ގަޑިން މިރޭ 8:00 ގައި ބާއްވާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި އެ ރިޕޯޓާ މެދު ގައުމުތަކުން ހިޔާލުފާޅުކުރުމާއި ފާޑުކިއުން އޮންނާނެ އެވެ. އަދި ރާއްޖޭގެ ފަރާތުން އެ ކައުންސިލްގައި ވާހަކަ ދައްކާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެ ޖަލްސާ އެޗްއާރްސީއެމް އިން އާންމުނަށް ވަގުތުން ފެންނާނެ ގޮތް ދަރުބާރުގޭގައި ހަމަ ޖެހިފައި ހުންނާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އަދި ޔޫޕީއާރްއާ ބެހޭ އާންމު މައުލޫމާތުތަށް ދަރުބާރުގޭގައި ދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.