ރޮޓަރީ ކްލަބް އޮފް މާލޭއިން ކެންސަރުޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެދެއްވާނެ ކަމަށް އެ ކްލަބްގެ ރައީސްކަމާ ހަވާލުވި އަބްދުﷲ ސާލިހު ވިދާޅުވެއްޖެއެވެ.

ރޮޓަރީ ކްލަބްގެ ރައީސް ކަމާ ކުރިއަށް އޮތް އެއް އަހަރަށް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

"ކެންސަރު ބަލީގެ މީހުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުމުގެ އުޅޭ ފަރާތްތަކަށް ހިދުމަތްކުރުމަކީ މި ދައުރުގެ އެއްމެ މުހިއްމު އެއް ޕްރޮޖެކްޓް. އަދި ކެންސަރު ބަލީގެ ކުރީ ސްޓޭޖްގައި އެކަން ދެނެގަންނާނެ ގޮތްތައް އިތުރުކުުރުމަށް މަސައްކަތް ކުރެވޭނެ،" ދަމާސްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވަމުން އަންނަ ސާލިހު ވިދާޅުވިއެވެ.

ރޮޓަރީ ކްލަބް އޮފް މާލޭ ގެ އައު ރައީސް އަބްދުﷲ ސާލިހު (ކ) -- ފޮޓޯ: ރޮޓަރީ ކްލަބް އޮފް މާލޭ

އަދި ކޮލަމްބޯގެ ރޮޓަރީ ކްލަބުގައި މިހާރު ވެސް، ކެންސަރު ޖެހުނުތާ ކުރީކޮޅު އެކަން ދެނެގަތުމުގެ ދާއިރާގެ ތަޖުރިބާ އެބަހުރި ކަމަށާއި އެ ކްލަބާއި މަޝްވަރާކުރަމުން އަންނަ ކަމަށް ސާލިހް ވިދާޅުވި އެވެ. އަދި އެ ކަމުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަަމަށް ސާލިހު ވިދާޅުވި އެވެ.

ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުުރުމަށް ރާއްޖޭގެ ކެންސަރު ސޮަސައިޓީ އާއި އެއްކޮށް ވެސް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމާފައިވާ ކަމަށް ސާލިހް ވިދާޅުވި އެވެ. ހޮޓެލްޖެންގައި އޮތް ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާނެއްގެ ގޮތުން ސްރީލަންކާގެ ޕާސްޓް ޑިސްޓްރިކް ގަވާނާ ގެހަން ސިރިބަޑަނަ ބައިވެރިވެވަޑަިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެހަން ވިދާޅުވީ އުއްމީދެއް އޮވެގެން މަސައްކަތް ކުރަންޏާ ކާމިޔާބު ވާނެ ކަަމަށެވެ.

ރޮޓަރީ ކްލަބް އޮފް މާލޭ ގެ ބައެއް މެމްބަރުން -- ފޮޓޯ: ރޮޓަރީ ކްލަބް އޮފް މާލޭ

ރޮޓަރީ ކްލަބް އޮފް މާލެ އިން ވަނީ ރާއްޖޭގެ ދެ ރަށެއްގައި ފެން ޕްލާންޓް ބަހައްޓާފަ އެވެ. އަދި ކުޑަކުދިންގެ ހިޔާ އަށް ވެސް ވަނީ އެހީތެރިވެދީފަ އެވެ. އެ ގޮތުން އެ ތަނަށް ބޭނުންވާ ބައެއް ފަރުނީޗަރު ވަނީ ހަދިޔާކޮށްފަ އެވެ. ރޮޓަރީ ކްލަބް އޮފް މާލޭގައި 36 މެމްބަރުން ތިބެ އެވެ. އޭގެ ތެރޭގައި ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ މައްޝޫރު ބޭފުޅުން ހިމެނެ އެވެ. ރޮޓަރީ ކްލަބަކީ އެ ކްލަބެއް ހަރަކާތްތެރިވާ މުޖްތަމައުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކްލަބްތަކެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޮޓަރީ ކްލަބްގެ 1.2 މިލިއަން މީހުން ތިބެއެވެ.