16 Mar 2011, 09:29
ޓޯކިޔޯ : ޖަޕާނުގެ ފުކުޝީމާ ނިއުކްލިޔާ އެކުވެނީގެ ހަތަރު ވަނަ ރިއެކްޓަރުގައި މިއަދު އަލިފާންރޯވެއްޖެވެ. މިއީ 24 ގަޑިއިރު ތެރޭގައި މިއެކުވެނީގައި ހިނގާ ނުރައްކާތެރި ތިން ވަނަ ޙާދިޘާއެވެ.
މިމައްސަލަތަކާ ގުޅިގެން ޖަޕާނުން ވަނީ އެމެރިކާގެ ނިއުކްލިޔާ ތަޖްރިބާކާރުންގެ ފަންނީ އެހީއަށް ރަސްމީގޮތުން އެދިފަ އެވެ. ފުކުޝީމާ ނިއުކްލިޔާ އެކުވެނި ބިނާކޮށްފައި ވަނީ އެމެރިކާގެ ލައިޓްވޯޓާ ނިއުކްލިޔާ ޓެކްނޮލޮޖީގެ އެހީގައި އެމެރިކާއާއި ޖަޕާނުގެ ކުންފުނިތަކުންނެވެ.
މި އެކުވެނީގެ އެއް ވަނަ ރިއެކްޓާ ބިނާކޮށްފައި ވަނީ އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނިން 1967 ގަ އެވެ. އެއަށް ފަހު އެއެކުވެނީގެ ދެވަނަ ވަނަ ރިއެކްޓަރާއި ހަ ވަނަ ރިއެކްޓާ ބިނާކުރީ ވެސް އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނިންނެވެ.
މިއެކުވެނީގެ ތިން ވަނަ ރިކެކްޓާގެ ފަސް ވަނަ ރިއެކްޓާ ބިނާކުރީ ޖަޕާނުގެ ޓޮޝީބާ ކުންފުނީގެ ހަތަރު ވަނަ ރިއެކްޓަރު ބިނާކުރީ ޖަޕާނުގެ ހިޓާޗީ ކުންފުނިންނެވެ.
އިއްޔެވެސް މި އެކުވެނީގެ ދެ ވަނަ ރިއެކްޓަރުގައި ގޮވުމެއްގޮވިއެވެ. އަދި ހަތަރު ވަނަ ރިއެކްޓަރުގައި އިއްޔެވެސް އަލިފާނުގެ ޙާދިޘާއެއް ހިނގި އެވެ. މިއެކުވެނި ހިންގާ ޓޯކިޔޯ އެލިކްޓްރިކް ޕަވަރ ކުންފުނީގެ ތަރްޖަމާން ހަޖިމީ މޮތޮޖީކޯ ވިދާޅުވިގޮތުގައި މިއަދު އަލިފާންރޯވީ ހަތަރު ވަނަ ރިއެކްޓަރުގެ ބޭރުފަށަލައިގެ ބައެއްގައެވެ.
މިކަމުގެ ސަބަބަކީ އިއްޔެ މިރިއެކްޓަރުގައި ހިނގި އަލިފާނުގެ ޙާދިޘާ އަދިވެސް މުޅިން ކޮންޓްރޯލް ވެފައިނެތުމެވެ. މިދިޔަ ހޮނިހިރު ދުވަހު މިއެކުވެނީގެ އެއް ވަނަ ރިއެކްޓަރުގައި ހައިޑްރިޖަންގޮވުންތަކެއް ގޮވިއެވެ. ހަތަރު ވަނަ ރިއެކްޓަރުގައި މިއަދު ހިނގި އަލިފާނުގެ ޙާދިޘާއަކީ އެރިއެކްޓަރުގެ ނުރައްކާތެރި ނޫން ހިސާބެއްގައި ހިނގި ޙާދިޘާއެއް ކަމަށްވިޔަސް ފުކުޝީމާ މުޅިއެކުވެނިވަނީ ނުރައްކާތެރި ޙާލަތެއްގައެވެ.
މިއެކުވެނީގައި އިއްޔެ ގޮވި ގޮވުންތަކުން ބޭރުވި ރޭޑިއޭޝަންވަނީ ވެރިރަށް ޓޯކިޔޯއަށާއި ޖަޕާނުގެ އެހެން ސަރަޙައްދުތަކަށްވެސް ފޯރާފައެވެ. ޓޯކިޔޯއިން ފާހަކުރެވުނު ރޭޑިއޭޝަަނުގައި އަޔޮޑިންއާއި ސީޒިޔަމް ގެ ލެވެލް މައްޗަށް ހުރިކަން ފާހަގަކުރެވިފައިވެއެވެ. އަދި ޕެސިފިކް ކަނޑުގެ ބައެއް ސަރަޙައްދުތަކުގެ ޖައްވުގައިވެސް ރޭޑިއޭޝަންގެ އަސަރު ހުރިކަންވަނީ ފާހަގަ ކުރެވިފައެވެ. -- ނޫސްއެޖެންސީތައް