އދ. މަޖިލިސް (ސެޕްޓެމްބަރު 2): އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނަސް އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ނުކުރެވިއްޖެނަމަ 2020 ވަނަ އަހަރާ ހަމައަށްދާއިރު އިންސާނުންނަށް ދިރިނޫޅެވޭ ވަރުގެ ތަނަކަށް ޣައްޒާ ވެގެންދާނެކަމުގެ އިންޒާރު އދ. ން ދީފި އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް "ޔުނެކްޓަޑް" އިން ބުނީ އިސްރާއީލުގެ ހަރުކަށި އަދި ލާއިންސާނީ ހިސާރުގެ ސަބަބުންނާއި އިސްރާއީލުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައި ހަލާކުކޮށްލާފައިވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ފެންވަރުގެ އިޖްތިމާއީ ޚިދްމަތްތައް ވެސް ޣައްޒާގެ ގިނަ ރައްޔިތުންނަކަށް ނުލިބެއެވެ.

މީގެ ތެރޭގައި ބޯހިޔާވަހިކަމާއި ކަރަންޓާއި ތައުލީމާއި ސިއްޙީ ފަރުވާއާއި ސާފު ބޯފެނާއި ނަރުދަމާގެ ޚިދްމަތްތަކާއި އާންދަނީ އާއި ޓެލެކޮމިއުނިކޭޝަނާއި އިންޓަނެޓްގެ ޚިދްމައްތަކާއި ސިއްޙީގޮތަށް ކުނިނައްތާލުމުގެ ޚިދްމަތްފަދަ ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދްމަތްތަކާއި ވަސީލަތްތައް ހިމެނެ އެވެ.

އެ ޚިދްމަތްތައް ކުރިޔަށް އޮތް ހައެއްކަ އަހަރުތެރޭގައި އެކަށީގެންވާ ގޮތެއްގައި ރަނގަނޅު ނުކުރެވިއްޖެނަމަ 2020 ވަނަ އަހަރާ ހަމައަށްދާއިރު އިންސާނުންނަށް ދިރިއުޅެވޭނެ ތަނަކަށް ޣައްޒާ ނުވާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް "ޔުނެކްޓަޑް" އިން ނެރުނު އަހަރީ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އިސްރާއީލުން ހަތް އަހަރު ތެރޭގައި ތިން ފަހަރެއްގެ މަތިން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި ޣައްޒާގެ އާންމުންގެ ގެދޮރުގެ ތެރޭން 19 ހާސް ގެއެއް އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު އިތުރު 8،000 ގެ ވަނީ މަރާމާތުނުކޮށް ދިރިނޫޅެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. މީގެ އިތުރުން ޣައްޒާގައިވާ ފަލަސްތީނުގެ ސަރުކާރުގެ މުއައްސަސާތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކުގެ 40 އިންސައްތަ ވެސް އިސްރާއީލުން ވަނީ ބޮންއަޅައިގެން ހަލާކުކޮށްލާފަ އެވެ. އަދި ބޮންއަޅައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ސިއްޙީ މަރުކަޒުތަކުގެ ތެރޭން 81 ތަނެއްވެސްވަނީ މަރާމާތުނުކޮށް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. އަދި ތައްލީމު ދޭ ސްކޫލްތަކާއި ފެކަލްޓީތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ތެރޭން 11 ތަނެއް އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު 253 ތަނެއް ވަނީ މަރާމާތުކޮށްގެންނޫނީ ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފަ އެވެ. ޣައްޒާގެ ފެނާއި ނަރުދަމާގެ ބޮޑުބައެއް ހަލާކުކޮށްލުމުގެ ސަބަބުން ދޮޅު ލައްކައެއްހާ މީހުން ވަނީ ސާފު ބޯފެނާއި ނަރުދަމާއިން މަހްރޫމްވެފަ އެވެ.

މިތަންތަން އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ސިމެންތިއާއި ދަނގަނޑާއި ލަކުޑިއާއި ހާޑްވެއަރ ގެ ތަކެތި ޣައްޒާއަށް އެތެރެ ނުކުރެވެނީ އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ފާއިތު އަހަރެއްހާ ދުވަހުގެ ތެރޭގައި އދ. ގެ ބެލުމުގެ ދަށުން ޣައްޒާއަށް އެތެރެކުރެވިފައި ވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ތަކެތީގެ އެންމެ ފަހެއް އިންސައްތަކަމަށް ވެއެވެ. މިގޮތަށް ތަކެތި އެތެރެކުރާނަމަ ކުރިޔަށްއޮތް 17 އަހަރުތެރޭގައިވެސް ޣައްޒާ އަލުން ބިނާ ނުކުރެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ފަސް ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ފަލަސްތީނުން ބުނެފައިވާއިރު މީގެތެރެއިން 3.5 ބިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ވައުދުވެފައެވެ. ނަމަވެސް ޣައްޒާ އަލުން އާރާސްތުކުރުމަށް އެޅިފައިވާ ހުރަހަކީ އެކަމަށް ބޭނުންވާ ސިމެންތިއާއި ދަނގަނޑާއި ލަކުޑިފަދަ ތަކެތި ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން އަޅަމުންގެންދާ ހުރަސްތަކާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކެވެ. މިކަމުގެ ސަބަބުން ޣައްޒާ ގެ ރައްޔިތުންވަނީ އިންސާނީ އަސާސީ ހައްގުތަކުން މަހްރޫމް ކުރެވި ނިކަމެތިކޮށްލެވިފައެވެ. (ނޫސްއެޖެންސީތައް)