02 Sep 2015, 16:09
ނ. ލަންދޫން: އަހުމަދު ޝަރުވާން
ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް، އެއިން ރައްޔިތުންނަށް ލިއްބައިދޭ މަންފާ ބޮޑު ކުރަން ބޭނުން ނަމަަ، ބޭންކުތަކުން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓް މިހާރަށް ވުރެ ކުޑަކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ލަންދޫ ފެނަކަ ބްރާންޗްގެ އާ އިމާރާތް ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، މީގެ ކުރިން ވިޔަފާރިއެއް ކުރުމަށް ބޭންކުން ނަގާ އިންޓަރެސްޓް އެންމެ ކުޑަކޮށް ވެސް ހުންނަނީ 15 ނުވަތަ 12 ޕަސެންޓުގައި ކަމަށެވެ.
"މިކަމުގެ ސަބަަބުން ދޯންޏެއް ބަންނަން ނުވަތަ އަމިއްލަ ގެއެއް ހަދަން ނަގާ ލޯނު އިންޓަރެސްޓް ބޮޑުވެގެން ތިމާއަށް އެލާރި ނުދެއްކިގެން ލިބޭ ފައިސާ އިން ހަމަނުޖެހިގެން ގޮސް ހަލާކުވެގެންދާ މަންޒަރު، އަޅުގަނޑުމެންގެ ތެރޭގައި އެ ފަރާތްތަކަށް ވަނީ ލޯނުތައް ދެއްކޭގޮތް ނުވެފައި،" ސިޔާމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުގެ އިގްތިސޯދީ ވެރިޔާ، ރައީސް ޔާމީން އެކަން ހަމައަކަށް އެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އެމަނިކުފާނު އަޅުގަނޑު ގާތުގައި ވިދާޅުވީ ވިޔަފާރިތަކަށް ކުރިއަށް ނޭރިގެން މިއުޅެނީ ބޭންކުތަކަށް ދޭން ޖެހޭ އިންޓަރެސްޓް ބޮޑުކަމުންނޭ. ތިމަންނައަށް ވެރިކަމަށް އާދެވުނު ދުވަހަކުން އެ އަދަދު ހަ ޕަސެންޓަށް ނުވަތަ 5.5 ޕަސެންޓަށް ހައްދަވައިދެއްވާނަމޭ."
ސިޔާމް ވިދާޅުވީ މީގެ ކުރިން އެމްއެމްއޭގައި ބޭންކުތަކުގެ ރައުސުލްމާލުގެ 25 ޕަސެންޓް ލޮކްކޮށްފައި ހުންނަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެ އަދަދު 10 ޕަސެންޓަށް ކުޑަކުރެއްވުމާ އެކު ބޭންކުތަކުން ނަގާ ލޯނުގެ އިންޓަރެސްޓް ރައީސް ޔާމީން އެދިލައްވާ ގޮތަށް މި އަހަރުތެރޭގައި ފަސް ފަސެންޓަށް ނުވަތަ ހަަ ޕަސެންޓަށް ހަމަަޖެހޭނެ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަރުކާރާ އެކު މިހާރު ރަސްމީ ކޯލިޝަނެއްގައި އޮތް ޕާޓީގެ ވެރިޔާ ސިޔާމް ވިދާޅުވީ، ރާއްޖެ މިހާ ބާރު ސްޕީޑެއްގައި ތަރައްގީވަމުން މި އަންނަނީ ރައީސް ޔާމީން ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ. ސިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ އިގްތިސޯދު އެނގިވަޑައިގަންނަވާ ވެރިއެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި މީގެކުރިން ރައްޔިތުންނަށް ނުލިބޭ އެތައް ހިދުމަތެއް ލިބެމުން އަންނަ ކަމަށެވެ.
"މިއަދު ރާއްޖޭގެ އިގްތިސޯދު މިދަނީ ތަރައްގީވަމުން. އިގްތިސޯދު ތަރައްގީވެގެން ނޫނީ ރައްޔިތުންނަށް ތައުލީމެއް ނުލިބޭނެ، ނަރުދަމާއެއް ނުލިބޭނެ، ސިއްހީ ހިދުމަތެއް ވެސް ނުލިބޭނެ. އެކަނ މިއަދު މިވަނީ އިގްތިސޯދު އެނގިވަޑައިގަންނަވާ އަދި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ރައްޔިތުންނަށް ހިދުމަތް ކުރަން ހުރުމުން." ސިޔާމް ވިދާޅުވި އެވެ.
ސިޔާމް އެ ބީދައިން ވާހަކަފުޅުއްކެވި އިރު، ރައީސް ޔާމީން ވެސް ވަނީ ބޭންކުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.