ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަރިހުގައި އެދިއްޖެ އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ރައީސް ނަޝީދު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ އަރުވާފައި ވަނީ ދެ ހަފުތާގެ ފަހުން އެމްއާރުއައި ސުކޭނެއް ހެދުމަށް ކަމަށެވެ.

ބަޔާނުގައި ބުނެފައި އެ މުއްދަތު މިއަދަށް ހަމަވެފައިވާ ކަމަށެވެ.

"އެ މުއްދަތު މިއަދު ހަމަވެފައިވާތީ ޑޮކްޓަރުގެ ލަފާއާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސް މުޙައްމަދު ނަޝީދުގެ އެމްއާރުއައި ސްކޭން ހައްދަވައިދެއްވުމަށް އެދި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް މިނިސްޓަރު އޮފް ހޯމްއެފެއާޒް އަރިހުގައި މިއަދު އެދިވަޑައިގެންފި އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ އެންމެ ފަހުން ރައީސް ނަޝީދު ޑޮކްޓަރަށް ދެއްކެވި ދުވަހު ދެ ހަފްތާއަށް ފިޒިއޮތެރެޕީ ކުރިއަށް ގެންދިއުމަށާއި ސްޓްރެސް ފްރީ މާޙާއުލެއްގައި އަރާމު ކުރެއްވުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.

"އަދި ރައީސް މުޙައްމަދު ނަޝީދަށް އެންމެ އެކަށޭނެ ފަރުވާ އަކީ ކޮބައިކަން ކަަށަވަރުވާނީ 2 ހަފްތާއަށް ފަހު އެމްއާރުއައި ސްކޭނެއް ހެދުމުން ކަމުގައި ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދު އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދު އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނީ ޑޮކްޓަރުގެ ލަފާއާއި ހިލާފަށް ކަމަށެވެ.

ޓެރަރިޒަމުގެ ކުށް ސާބިތުވެ ތޭރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.