އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ވިއެޓްނާމްގެ ހޯޕަޓް ހަނޯއީ އާއި ދެކޮޅަށް ނުކުންނައިރު މޮޅުވުމުގެ އުއްމީދު ބޮޑު ކަމަށާއި އިދިކޮޅު ޓީމަށް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭއެފްސީގެ ވެބްސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި ސުޒޭން ބުނެފައިވަނީ ފޯމުގެ ގޮތުންނާއި އިންޖަރީގެ ގޮތުންވެސް އިދިކޮޅު ޓީމު އޮތީ ބަލިކަށިވެފައި ކަމަށެވެ.

"އެކަންތައްތަކުގެ ފައިދާ ޓީމަށް ނެގިދާނެ ކަމަށް މިބަލަނީ. ވަރަށް އުއްމީދު އެބައޮތް." ކޯޗު ބުންޏެވެ. މީގެ އިތުރުން އެ ޓީމު ވިއެޓްނާމް ލީގުގައި މިހާރު އޮތީ ވަރަށް ފަހަތުގައެވެ. އެންމެ ފަހުން އެޓީމު ކުޅުނު 4 މެޗުގައިވެސް މާ ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނެތެވެ.

ހަނޯއީއަށް ކުރިމަތިވެފައިވާ އަނިޔާގެ އެންމެ ބޮޑު މައްސަލައަކީ އެޓީމަށް ކުޅޭ އާޖެންޓީނާގެ ސްޓްރައިކަރ ގޮންޒާލޯއަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިފައިވުމެވެ. ދުނިޔޭގެ މަޝްހޫރު ކްލަބް ޕޯތޯ އަށްވެސް ކުޅެފައިވާ ކުޅުންތެރިޔާއަށް ނުކުޅެވުމަކީ ކޯޗު ޕަންތަން އަށް އޮތް އެންމެ ބޮޑު ބޮލުގަ ރިހުމެވެ. ނަމަވެސް އޭނާގެ މަގާމު ފޫބައްދާނެ އާ ކުޅުންތެރިއަކު ކޯޗު ވަނީ ހޯދާފައެވެ. މާސިއަސް ރެސިއޯ އެންމެ ފަހުން ކުޅުނު މެޗުގައި ދެ ގޯލު ޖަހާދީފައިވުމުން އޭނާގެ ފެންވަރާމެދު ކޯޗުގެ އިތުބާރު ވަނީ ބޮޑުވެފައެވެ.

ފުރަތަމަ މެޗުގައި ވިކްޓަރީ ސިންގަޕޫރުގެ ޓެމްޕައިންސް ރޯވާސް އަތުން 3-1 ލަނޑުން ބަލިވިއިރު ހަނޯއީ ވަނީ ތައިލެންޑްގެ މުއަތޮންގ ޔުނައިޓެޑް އަތުން 4-0 ލަނޑުން ބަލިވެފައެވެ.