ބޭންކޮކް، ތައިލޭންޑް -- ބޭންކޮކްގެ އެރަވަން ޝަރިންއަށް މިދިޔަ މަހު ދިން ބޮމުގެ ހަމަލާގައި ޝައްކު ކުރެވޭ އެންމެ އިސް މީހަކީ ޗައިނާ މީހެއް ކަމަށް އެމައްސަލައިގެ ތަހުގީގުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފުލުހުން ބުނެފި އެވެ.

ޕޮލިސް ޖެނެރަލް ޗަޕްތިކް ޗައިދިންޖާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ތައިލެންޑް ބޮމުގެ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި މީހާއަކީ ޗައިނާގެ އިގްހޫރު އެތަނިކް މައިނޯރިޓީގެ މީހެއް ކަމަށެވެ.

އޭނާ ދަތުރުކުރި ޓްރެވަލް ޑޮކިއުމެންޓްސް އާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެއީ ޗައިނާގެ ޒިންޖިއާން ޕްރޮވިންސް އަށް ނިސްބަތްވާ މީހެއް ކަމަށެވެ. ނަމަވެސް ފުލުހުން އޭނާގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނާ ހިލާފަށް ކަމްބޯޑިއާއަށް ދަތުރުކުރަން އުޅުނު މީހަކު ބޮމުގެ ހަމަލާގެ ތުހުމަތު ކުުރެވިގެން ތައިލެންޑެގެ ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި އޭނާ ބުނެފައި ވަނީ ބޮމުގެ ހަމަލާއާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.

ޗައިނާ މީހެއްގެ މައްޗަށް ތުހުމަތުކޮށް ބޮމުގެ ހަމަލާގައި އެންމެ އިސްދައުރެއް އަދާކުރީ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނި މިއީ ފުރަތަމަ ފަހަރެވެ. މި ތުހުމަތު ވެގެންދާނީ ޗައިނާ އާއި ތައިލެންޑާ ދެމެދު ހީނަރުވެފައި އޮތް ގުޅުން ވަރުގަދަކުރުމަށް ދެގައުމުން ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ ހުރަހަކަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ފުލުހުންގެ އެ ތުހުމަތާ ގުޅިގެން ޗައިނާ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ ތުހުމަތު ޗައިނާ މީހެއްގެ މައްޗަށް އުފުލާފައިވާ އިރު އެ ހާދިސާގައި ޗައިނާގެ ހަތް މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ބޭންކޮކްގެ އެރަވަން ޝަރައިން ސަރަހައްދަށް ދިން ބޮމުގެ ހަމަލާގައި 22 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 14 ބިދޭސީން ހިމެނޭ އިރު ގިނައީ ޗައިނާ އާއި ހޮންކޮންގް މީހުންނެވެ.