02 Sep 2015, 16:12
މެލޭޝިޔާ އެއާލައިންސްގެ ނަމަށް ބަރުހާދު އިތުރުކޮށް އެއާލައިންގެ ނަން ބަދަލުކޮށްފި އެވެ.
މެލޭޝިޔާ އެއާލައިންސް ސިސްޓަމް ބަރުހާދުން އޮޕަރޭޓް ކުރި އެއާލައިން، އިއްޔެ އިން ފެށިގެން ގައުމީ އެއާލައިންގެ ގޮތުގައި އޮޕަރޭޓް ކުރުމަށް މެލޭޝިޔާ އެއާލައިން ބަރުހާދު( އެމްއޭބީ) އަށް ވަނީ ބަދަލުކޮށްފަ އެވެ. އިއްޔެ އޮޕަރޭޝަން ބަދަލުވެގެން ދިޔަ އިރު އެއްވެސް ފަސިންޖަރަކަށް ހިލަމެއް ވެސް ނުވާ ކަމަށް މެލޭޝިޔާގެ ނޫސްތަކުން ބުންޏެވެ.
މެލޭޝިޔާ އެއާލައިންގެ ލޯގޯ، ކޭއެލްއައިއޭ ސްކްރީންތަކުން އަދި ވެސް ފެންނާނީ ހަމަ އެގޮތަށް ކަމަށާއި ޔުނީފޯމް ވެސް ބަދަލު ނުވާނެ ކަމަށް ސްޓަރައިޓް ޓައިމްސް އިން ބުންޏެވެ.
އެމްއެޗް 370 ކުއާލާ ލަމްޕޫރުން ބެއިޖިން އަށް، 239 މީހުންނާ އެކު ދަތުރުކުރަނިކޮށް ގެއްލުމުން އަދި ޔުކުރައިން މަތިން ދަނިކޮށް އެ އާލައިންގެ ބޮޓެއް ހަމަ މިދިޔަ އަހަރު ވެއްޓުމުން އެ ކުންފުންޏަށް ވަނީ ބޮޑެތި މާލީ މައްސަލަތަކާ ކުރިމަތިވި އެވެ. ޔޫކްރެއިން މަތިން ދިޔަ ބޯޓު ވަނީ ބަޔަކު ގަސްދުގައި ވައްޓާލައިފަ އެވެ. އެ ބޮޓު ވެއްޓި 298 މީހުން މަރުވި އެވެ.
މައުލޫމާތު: މެލޭޝިޔާ ނޫސްތައް