16 Mar 2011, 08:44
ކޯޓުތަކުގެ ގާނޫނުގެ 15 މާއްދާއަކާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖުޑީޝަލް ކައުންސިލް ބާތިލްކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުއްލި ރޫލިން އެއް ސުޕްރީމް ކޯޓްުން ނެރުމުން މުޅި ޝަރުއީ އަދި ގާނޫނީ ދާއިރާއަށާއި، އެންމެނަށް ކުއްލި ހައިރާން ކަމެއް ގެނުވި އެވެ. ގާނޫނު އަސާސީއާ ތައާރަޒްވާ މާއްދާތައް ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ގާނޫނުތަކުގެ ބައިތައް އުވާލަމުން ގެންދިޔުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
ޝަރުއީދާއިރާގެ ބައެއް ފަރާތްތަކުން ބުނަނީ އެއީ "ވަރަށް ނުރައްކާތެރި ކަމެއް" ކަމަށެވެ.
ހދ. އަތޮޅު ސީނިއާ މެޖިސްޓްރޭޓް އަދި ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް އުވާލި ޖުޑީޝަލް ކައުންސިލުގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ގާނޫނުތައް އުވާލާ ނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އޭރުން ގާނޫނު ހަދާ މީހުންގެ މަސައްކަތް ވެސް ސުޕްރީމް ކޯޓަށް ކުރެވެނީ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތަކުގެ މާއްދާތައް އެގޮތަށް ބާތިލް ކުރަމުންދާއިރު އެހެން ގާނޫނުތަކުގައި ހުރި ގާނޫނު އަސާސީއާ ތައާރަޒްވާ ބައިތައް ވެސް އުވާލަންޖެހޭނެ އެވެ.
ނިޔާޒު ވިދާޅުވީ ބައެއް ގާނޫނުތަކުގައި ބޮޑެތި އޮޅުންތައް ހުރިއިރު އެކަންތައްތަކަށް އެއްވެސް ވަރަކަށް ލަފަޔެއް ނުދެއްވައި "ބައެއް ކަހަލަ ކަންތައްތައް ސުޕްރީމް ކޯޓުގެ އަތްދަށަށް ގެންދިއުމަށްޓަކައި" ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އޭނާއަށް ވިސްނޭ ގޮތުގައި "މިއީ ސިޔާސީ ކަމެއް ކަމަށް" ވެސް ނިޔާޒް ވިދާޅުވި އެވެ.
"...ހަމައެކަނި އެބޭފުޅުން ބޭނުންވާ ބައެއް ކަހަލަ ކަންތައް އެބޭފުޅުންގެ އަތް ދަށަށް ގެނައުމަށްޓަކައި ކަންތައްތަކެއް ކުރަނީ،" ނިޔާޒް ވިދާޅުވި އެވެ. "ހަގީގަތުގައި މިއީ ޕޮލިޓިކަލް ކަމެއް ގޮތުގައި އަޅުގަނޑަށް ބޮޑަށް ވިސްނެނީ ވެސް."
ޖުޑީޝަލް ކައުންސިލް އުވާލުމާމެދު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ކައުންސިލް އުވާލުމަށް ކޯޓުތަކުގެ ގާނޫނުން ސުޕްރީމް ކޯޓުން ހަވާލާދީފައިވާ މާއްދާތައް ފިޔަވައި އެހެން ބައެއް މާއްދާތަކުގައި ވެސް ޖުޑީޝަލް ކައުންސިލްގެ ވާހަކަތައް ބަޔާންކޮށްފައިވެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައި ޖުޑީޝަލް ކައުންސިލްގެ ވާހަކަތައް ބަޔާންކޮށްފައިވާއިރު ސުޕްރީމް ކޯޓުން އެބައިތައް އުވާލާފައިނުވުމުން ވަރަށް ބޮޑެތި އޮޅުންތަކެއް ވެސް އަރަ އެވެ.
ޖުޑީޝަލް ކައުންސިލް އުވައިލެއްވި އިރު ސުޕްރީމް ކޯޓުން އަމިއްލައަށް ވެސް ކައުންސިލެއް މީގެ ކުރިން ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ކަމަށް ބައެއް ގާޒީން ވިދާޅުވެ އެވެ. އަދި އެ ކައުންސިލް އޮތް ގޮތަށް ބާއްވާފައި ކޯޓުތަކުގެ ގާނޫނުން އުފައްދާފައިވާ ޖުޑީޝަލް ކައުންސިލް ގާނޫނު އަސާސީގެ ހަމަ އެ މާއްދާގެ ދަށުން އުވައިލި އުވާލުމާމެދު ސުވާލުތައް އުފެދި ވަރަށް ބޮޑަށް އޮޅުން އަރާ ކަމަށް ވެސް ގާޒީން ވިދާޅުވެ އެވެ.
ކުރިން ސުޕްރީމް ކޯޓުން އުފައްދާފައިވާ ކައުންސިލާއި ގާނޫނުން އުފައްދާފައިވާ ކައުންސިލުގެ ތަފާތަކީ ހަމައެކަނި ކުރީގެ ކައުންސިލުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އެ ކައުންސިލުގައި ތިބުމެވެ. އެހެންކަމުން ގާނޫނުން އުފައްދާފައިވާ ކައުންސިލް އުވާލުމުގެ ބަދަލުގައި ބައެއް ބޭފުޅުން ދެކިވަޑައިގަންނަވަނީ ހަމައެކަނި އެބައި އޯވާޓާން ކޮށްލުން މާ އައުލާކަން ބޮޑު ކަމަށެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވާ ޖުޑީޝަލް ކައުންސިލްގެ މެންބަރު ނިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރުގެ ދަށަށް ހުރިހާ ކަންތައްތަކެއް ގެންދާ އުސޫލުން ރޫލިން ނެރޭ ނަމަ، ބޮޑަށް އިހްސާސް ވަނީ ރާއްޖޭގައި އެހެން ބާރުތަކެއް އޮތުމުގެ ބަދަލުގައި ހަމައެކަނި ސުޕްރީމް ކޯޓެއް އޮންނަންޖެހޭ ކަމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެ ކޯޓުގެ ބާރުގެ ދަށަށް ގެނެސްފައި ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ނެރުނު ރޫލިންއަކާ ހިލާފަށް ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ ޑިޕާޓްމަންޓް އެކުލަވާލާފައިވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރޫލިންއާ ހިލާފަށް ގާނޫނެއް ވެސް ނުހެދޭނެ ކަމަށް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭރުން ގައުމު ތަރައްގީ ނުވެ އެއް ލެވެލެއްގައި އޮންނާނީ ކަމަށާއި އަދި ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ އުސޫލަށް ބަލާއިރު ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ގާނޫނު ހަދާފައި އެބަހުރި ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ކޮންމެއަކަސް ސުޕްރީމް ކޯޓުން ޖުޑީޝަލް ކައުންސިލް އުވައިލި މައްސަލައާ މެދު ސުވާލުތަކެއް ފެންމަތި ކުރުވާ ގިނަ ބަޔަކު އެބަތިއްބެވެ. އަދި އެކަން ވެގެން ގޮސްފައި ވަނީ ހައިރާން ކުރުވި ކަމަށެވެ.