ގައުމީ އުފެއްފުންތެރިކަމުގެ މައުލޫމާތު ސަރުކާރުން ހިއްސާ ނުކުރަނީ އެވަރަށް އުފެއްދުންތެރިކަން ކުރިއަށް ނުގެންދެވޭތީ ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

"ދިވެހި ރާއްޖޭގެ އިގްތިސާދީ ހާލަތު"ގެ ނަމުގައި އެމްޑީޕީއިން ނެރުނު ރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެޕާޓީގެ އިގްތިސާދީ ކޮމެޓީގެ މެމްބަރު އަދި ކުރީގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެރިޕޯޓް ތައްޔާރު ކުރިއިރު ބޭނުންވާ މައުލޫމާތު ސަރުކާރުން އާންމުކޮށްފައިނުވާތީ ދަތިތަކާ ކުރިމަތިވި ކަމަށެވެ. ސަރުކާރުން އެމައުލޫމާތު ހިއްސާ ނުކުރަނީ އެވަރަށް އުފެއްދުންތެރިކަން ކުރިނާރާތީ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މިއަދުގެ ނުސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އަލީ ނަސީރު

"އެއްވެސް ވަރަކަށް ތަފާސް ހިސާބުތަކެއް ނެތް ހާމަކޮށްފައެއް ގައުމީ އުފެއްދުންތެރިކަމާބެހޭ ގޮތުން. އެހެންވީމަ އަޅުގަނޑުމެން ދެކޭ ގޮތުގައި ސަރުކާރުން އެކަން ހާމަ ނުކުރަނީ އުފެއްދުންތެރިކަން އެހާވަރަށް ނުގެންދެވޭތީ. އެހެން ނޫނީ އޭގަ ކޮންމެވެސް ގޯސްތަކެއް އުޅޭތީ،" އިލްޔާސް ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތު އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި ޓޫރިސްޓުންގެ އޮކިއުޕަންސީ ދަށަށް ގޮސް ރާއްޖޭގައި ހޭދަކުރާ ރޭތަކުގެ މިންވަރު ވެސް ވަނީ ދަށަށް ގޮސްފައިކަމަށް އިލްޔާސް ވިދާޅުވި އެވެ. ރިސޯޓްތަކުގެ ހިއްސާ އެރިސޯޓުތަކުގެ މުވައްޒިފުންނަށް ދިނުމަކީ މިސަރުކާރުގެ ވައުދަތަކަށް ވާއިރު އެކަން ވެގެން އަންނަތަން ނުފެންނަ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މެމްބަރު އިބްރާހިމް އަމީރު ވިދާޅުވީ، ފުރަތަމަ ފަސް މަހުގެ ތެރޭގައި ދައުލަތަށް ހަތް ބިލިއަން ލިބިފައިވާއިތު 9.2 ބިލިއަން ސަރުކާރުގެ ފަރާތުން ހަރަދުކޮށްފައިވާ ކަމަށާއި އެހެންކަމުން މިއަހަރު ނިމޭއިރު ޑެފިސިޓް އަށް ޕަސެންޓަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އަލީ ނަސީރު

ދައުލަތުން ޓީބިލްއަށް ކުރާ ހަރަދު މިސަރުކާރުން ހަވާލުވިއިރު އަށް ބިލިއަނުގައި އޮތްއޮތުން މިސަރުކާރުން 12 ބިލިއަނަށް ބޮޑުކޮށްފައިވާ ކަމަށްބުނެ އެކަމުގެ ކަންބޮޑުވުން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަމީރުގެ ވާހަކައިގައި މަރުކަޒީ ބެންކް އެމްއެމްއޭ ހިންގުމުގައި މިނިވަންކަމެއް ނެތް ކަން ފާހަގަ ކުރައްވައި ވިދާޅުވީ، އެމްއެމްއޭ ހިނގަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށެވެ.