02 Sep 2015, 13:14
މިނާ ގްރޫޕްގެ ހަވާލުގައި ހައްޖަށްދާން ފައިސާ ދައްކާފައި އޮތް، ދިވެހި އަންހެނަކަށް ވިސާ ހަމަޖެހުމުގައި ދިމާވި މައްސަލަ ހައްލުކޮށް މިހާރު ވިސާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާ އިބްރާހިމް އަހުމަދު ވިދާޅުވެއްޖެ އެވެ.
'ސަން' އާ ވާހަކަ ދައްކަމުން އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ މީނާ ގްރޫޕްގެ އަންހެން މީހާ އަށް ވިސާ ހަމަޖެހުމުގައި ދިމާވީ ޓެކްނިކަލް މައްސަލައެއް ކަަމަށެވެ. އެގޮތުން ވިސާ ކަންތައްތަކާ ބެހޭ ޕޯޓަލް އަށް އެ އަންހެން މީހާގެ ފޮޓޯގެ ބަދަލުގައި އަޕްލޯޑްކުރެވިފައި އޮތީ ފިރިހެނެއްގެ ފޮޓޯ އެެއް ކަމަށާއި އެކަންތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އަންހެން މީހާގެ ވިސާ ސައުދީން އޮތީ ކުރިން ވެސް ޕްރޮސެސްކޮށްފައި ކަމަށާއި އެހެންނަމަވެސް މުޅިން ނުނިމި އޮތީ ފޮޓޯގެ މައްސަލަ ދިމާވެގެން ކަމަށް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.
ވިސާގެ މައްސަލަ އުޅޭކަން އެނގުނު ހިސާބުން ފެށިގެން ފޮރިން މިނިސްޓްރީ އާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ރާއްޖެ އަށް ވިސާ ކަންތަކުގައި ވަޑައިގެންނެވި ސައުދީ އޮފިޝަލުން ގުޅިގެން ވަރަށް މަސައްކަތްކުރެއްވި ކަަމަށް އޭނާ ވިދާޅުވި އެވެ.
"ސީދާ މިނިސްޓަރު ވެސް ވަޑައިގެންނެވި އެރޭ ދޭއް ޖެހިއިރު. ފުރަތަމަ އައިޑެންޓިފައިވީ ހިސާބުން ފެށިގެން މިނިސްޓަރު ވެސް ބައްލަވަމުން ގެންދެވީ،" އޭނާ ވިދާޅުވި އެވެ.
އެ އަންހެން މީހާގެ ވިސާ ހަމަޖެއްސުމުގައި، ރާއްޖޭން ހައްޖަށް ދާ މީހުންނަށް ވިސާ ދިނުމަށް ވަޑައިގެންނެވި ވަފުދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
މިނާ ގްރޫޕްގެ ހަވާލުގައި ހައްޖަށްދާ އެއްމެން މިހާރު ވަނީ ފުރާފަ އެވެ. އެހެންނަމަވެސް އެ އަންހެންމީހާ ފުރުވުމުގެ ކަންތައް އެ ގްރޫޕުން ކުރާނެ ކަަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.