ފްރާންސްގެ ވެރިރަށް ޕެރިހުގެ އެޕާޓްމަންޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 8 މީހުން މަރުވެއްޖެ އެވެ.

ޕެރިހުގެ 18 ވަނަ ޑިސްޓްރިކްޓްގައި މިއަދު ހިނގި އެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި އަށް މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭކަމަށް ފްރާންސްގެ އޮފިޝަލުންނާ ހަވާލާދީ ޓްރުތު24ގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި އެ ހާދިސާގައި ސަލާމަތްވި ހަތަރު މީހެއްގެ ހާލު ސީރިއަސްކަމުން އެމީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

ޕެރިހުގެ އުތުރުގައި ހުންނަ މަޝްހޫރު މޮންމާޓާ ފަރުބަދައިގެ ކައިރީގައި ހަދާފައިވާ އެޕާޓްމަންޓުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކުރުމަށް 100 ވަރަކަށް ފަޔަފައިޓަރުން ހަރަކާތްތެރިވިކަމަށް ވެއެވެ. އަދި އެތަނުގައި އަލިފާން ހިފާން މެދުވެރިވި ސަބަބު މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުރާންސްގެ ނޫސްތަކުން ބުނެއެވެ.

"މިހާދިސާއާ ގުޅޭގޮތުން އެއްޗެއް ބުނަން އަދި މާއަވަސް،" ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ބަރނާޑް ކަޒެނިއުފް ވިދާޅުވި ކަމަށް އޭއެފްޕީގައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އަލިފާނުގެ ހާދިސާ ހިނގުމުން އެ އިމާރާތުގައި ދިރިއުޅޭ ބައެއް މީހުން ސަލާމަތްވުމަށްޓަކައި ކުޑަދޮރުތަކުންވެސް ފުންމާލާފައި ވެއެވެ.

ޕެރިހުގެ މޭޔަރު އެނީ ހިޑަލްގޯ ވިދާޅުވީ، އަލިފާންނުގެ އަސަރު އެ ސަރަހައްދުގައި ހުރި އެހެން 15 އިމާރާތަކަށްވެސް ކޮށްފައިވާ ކަމަށެވެ.

މިއީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޕެރިހުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާކަމަށް ބެލެވޭއިރު، އެހާދިސާ ތަހުގީގުުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮސިކިއުޓަރު ވިދާޅުވީ، "މިއީ ގަސްތުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ" ކަމަށެވެ.