02 Sep 2015, 13:08
ރާއްޖޭގެ އިގުތިސާދު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރަން މަސައްކަތް ނުކޮށްފި ނަމަ "އަތް ނުލެވޭ ހިސާބަށް" ރާއްޖޭގެ އިގުތިސާދު ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނ. ލަންދޫ އާ އިންޖީނުގެ ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަނީ "ސެކުރިފައިޒު"ތަކެއް ވެސް ވެގެން ކަމަށެވެ.
"ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ދިނުމަށް. ގައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށް. ދެންވެސް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަންތައްތައް ރަނގަޅު ކުރުމަށް. އެހެންނަމަވެސް އެކި ސަރުކާރަށް އެކަންތައްތައް ކުރެވޭ އިރު އެކި މިންވަރަށް ކަންނޭނގެ ކުރެވޭނީ. އަޅުގަނޑުމެން ވެސް އުފަލާއި އެކީ ދަންނަވާލަން ބޭނުން އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ހިދުމަތުގައި. އެހެންނަމަވެސް ދިވެހިރާއްޖޭގެ އިގުތިސާދު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ނުކުރާ ކަމަށްވާ ނަމަ އަޅުގަނޑުމެން އަތް ނުފޯރާ ހިސާބަށް ނޫނިއްޔާ އަޅުގަނޑުމެން އަނބުރާ އަތުނުލެވޭ ހިސާބަށް ރާއްޖޭގެ ހާލަތު ސޮއްސައިލައިގެން ދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ފުދުންތެރި ބަޔަކަށް ވުމަކީ ކޮންމެ ބަޔަކުވެސް ބޭނުންވާނެ ކަމެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުދުންތެރި ބަޔަކަށް ވުމުގެ ވާހަކައަކީ ރާއްޖެއަށް އިމްޕޯޓު ކުރާ ހުރިހާ ބާވަތުގެ ތަކެތި ހުއްޓާލައި ރާއްޖޭގައި އެ ތަކެތި އުފެއްދުން ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހިންގެ އަތުގައި މިވަގުތު ހުރި ތަކެތި އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންގެ އަތުގައި ނެތް ވަސީލަތްތައް އުފެއްދުމަށް ވެސް ދިވެހިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން މިއަދު ނ. ލަންދޫ ފެނަކަ ބުރާންޗު ހުޅުވައިދެއްވަނީ: ފޮޓޯ/ ތަރުޖަމާނު
"ނެތް ވަސީލަތް އުފެއްދުމަކީ ހަގީގަތުގައި މިކަމުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ވަސީލަތްތަކުގެ ތެރޭގައި ޓޫރިޒަމްގެ ރަށްރަށް ހިމެނޭއިރު ދެން އަޅުގަނޑުމެން ވިސްނާލަންވީ އަޅުގަނޑުމެންނަށް ޓޫރިޒަމްގެ ރަށްރަށް އިތުރު ކުރެވޭނެ ގޮތްތަކާއި ދޭތެރޭގައި. އެ ނެތް ވަސީލަތެއް އުފެއްދުމަށް މަސައްކަތް ކޮށްފި ނަމަ އެ ކުރެވެނީ އަޅުގަނޑުމެންނަށް އިގުތިސާދީ ގޮތުން ވަރަށް ރަނގަޅު މަސައްކަތެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެހެންނަމަވެސް އިތުރު އާމުދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ކުރަން އުނދަގޫ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ލަންދޫއަށް އެންމެ ފުރަތަމަ ކަރަންޓު ދޭން ފެށުނީ 1985 ވަނަ އަހަރު އެވެ. އޭރު އެ ރަށަށް ކަރަންޓު ދެމުން އެއީ އިރުއޮއްސި 6:00 އިން ރޭގަނޑު 10:00އާ ހަމައަށެވެ. އޭރު ރަށުގެ އާބާދީއަކީ 980 މީހުންނެވެ. މިހާރުގެ އާބާދީއަކީ 1023 އެވެ. ލަންދޫގައި ފުރަތަމަ ކަރަންޓުގެ ހިދުމަތްދޭން ފަށާފައި ވަނީ ތިން ކިލޯވޯޓުގެ ޖަނެރޭޓަރަކުން ނެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނީގެ ދަށަށް ލަންދޫގެ ކަރަންޓުގެ ހިދުމަތް ދިނުން އައުމާއި ގުޅިގެން އެކުންފުނިން އެންމެ ބޮޑު އިސް ކަމެއް ދީފައި ވަނީ ރައްޔިތުންނަށް އިތުބާރާއި ޔަގީންކަމާއި އެކީގައި ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.