އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ވިއެޓްނާމްގެ ސޮންގލަމް އާއި ވާދަކޮށް މޮޅަށް ކުޅެ ވީބީ ބަލިވީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކުން ކަމަށް ޓީމުގެ ކޯޗު ކޭން ވަންލީ ބުނެފި އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ތުރުކީގެ ކޯޗު ބުނީ މެޗުގައި ފެނުނު ބައެއް ކަންތައްތަކަކީ އޭނާއަށް ޤަބޫލު ކުރެވޭ ކަންތައްތަކެއް ނޫން ކަމަށެވެ.

"ފުރަތަމަ ގޯލަށް ބަލާއިރުވެސް ކުޅުންތެރިން މަސައްކަތް ނުކޮށް ތިއްބާ އެމީހުން ޝޫޓްކޮށްގެން ބޯޅަ ގޯލަށް ވައްދާލީ. ތިންވަނަ ގޯލަކީ ޑަގްލަސް އާއި އިމްރާންގެ މިސްއަންޑަރސްޓޭންޑިންއެއް." މީގެ ކުރިން މެޗަކުން ބަލިވުމުން ރުޅި ނާންނަ ވަރަށް ރުޅި ގަދަވެފައި އިން ކޯޗު ބުންޏެވެ. ކޯޗު ބުނީ އިއްޔެގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ސީރިއަސްވާން ޖެހޭ ވަރަށް ސީރިއަސްކަންވެސް ނުފެނުނު ކަމަށާއި ހާއްސަކޮށް ބައެއް ކުޅުންތެރިންގެ ކުޅުން ވަރަށް ދަށް ކަމަށެވެ. "އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަހަރެން އަޅާނަން." ކޯޗު ބުންޏެވެ.

ކޯޗު ވަނީ ޓީމުގެ ވާތްފަރާތު ފަޅިއަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. "އެފަޅިން ޕޮޒިޓިވް އެއްވެސް ކަމެއް ނުފެނުނީމަ އަހަރެންނަށް ފަދިއްކޮ ބާލަން މަޖުބޫރުވީވެސް" ކޯޗު އެންމެ ހިތްހަމަ ނުޖެހިފައި ހުރީ އިދިކޮޅު ޓީމުގެ 10 ކުޅުންތެރިންނާ ކުޅެ ބަލިވުމުގެ އިތުުރުން މޮޅު އެއްވެސް ކަމެއް އިދިކޮޅު ޓީމުގައި ނެތްއިރު ވީބީއަށް އެމީހުން މައިތިރި ނުވުމުންނެވެ.

"ވިސްނާލަބަލަ އަހަރެމެން މި ބަލިވީ 10 މީހުންނާ ކުޅެ. އަނެއްކޮޅުން އެމީހުންގެ ނެތް ޓެކްޓިކަލީ އެއްވެސް ރަނގަޅު ކަމެއް. އަހަރެމެން ބަލިވީ އެމީހުން މޮޅުވެގެނެއް ނޫން. އަހަރެމެން ބަލިކަމުން. މިގޮތަށް ކުޅެގެން އިތުރު ބުރަކާ މެދު ޚިޔާލުވެސް ކުރާނެ ކަމެއްނެތް." ކޯޗު ބުންޏެވެ.

ސޮންގލަމްގެ ކޯޗު ބުނީ މިއީ އޭނާގެ ޓީމަށް ވަރަށް ރަނގަޅު މެޗެއް ކަމަށާއި އޭނާ ބުނި ހުރިހާ ކަމެއް ކުޅުންތެރިން ކުރި ކަމަށެވެ. "ފުރަތަމަ ގޯލަށްފަހު އަހަރެންނަށް ޔަގީންވި ވީބީގެ ޑިފެންސްލައިންގައި މައްސަލަ އުޅޭކަން. އޭގެ ފައިދާ ނަގަން އަހަރެން އިންޓަވަލް ގަޑީގައި ބުނިން. ކުޅުންތެރިން ވަރަށް ފުރިހަމައަށް އެކަންކުރި" ކޯޗު ބުންޏެވެ.

3-1 ލަނޑުން ވީބީ ބަލިވި މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީވެސް ވީބީންނެވެ. ސޮނގލަމްގެ ފަހު ދެ ލަނޑު ޖަހާފައިވަނީ އެޓީމުގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކިފަހުންނެވެ. މި ނަތީޖާގެ ސަބަބުން ވީބީ މިހާރުވަނީ ގްރޫޕްގެ ފުލަށް ވެއްޓިފައެވެ. ދެމެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.