ވޭތުވެދިޔަ ޖުލައި މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރު ވި ނަމަވެސް ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ދަށް ވެއްޖެއެވެ.

ޖުލައި މަހުގެ ނިޔަލަށް މިދިޔަ އަހަރު އެމުއްދަތުގައި ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު ހަތަރު ޕަސެންޓް އިތުރުވީނަމަވެސް ރާއްޖެއިން މަސްއެކްސްޕޯޓްކުރި މިންވަރު ވަނީ 28 ޕަސެންޓް ދަށްވެފައެވެ.

މިދިޔަ ޖުލައި މަހު ރާއްޖެއަށް 104،517 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އެއީ މަހުން މަހަށް ބަލާއިރު 28 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތަށް ބަލާއިރު މިދިޔަ އަހަރު ޖުލައި މަހު 5.7 ދުވަހުގައި ހުރި ނަމަވެސް މިއަހަރު އެއަދަދު ވަނީ 5.2 ދުވަހަށް ދަށްވެފައެވެ. އެމުއްދަތުގައި ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު ވަނީ ތިން ޕަސެންޓް ދަށަށް ގޮސްފައެވެ.

މަސް އެކްޕޯޓްކުރި މިންވަރަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު އެއަދަދު ވަނީ 28 ޕަސެންޓް ދަށްވެފައެވެ. ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ ގަނޑުކުރި ކަޅުބިލަމަހުގެ އެކްސްޕޯޓް ދަށްވުމެވެ. އެ މުއްދަތުގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ފަސް ޕަސެންޓް ދަށްވި ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.