02 Sep 2015, 12:11
ޒަމާނުއްސުރެ ތަފާތު އެކި ގޮތްގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަބްދުލް ގައްޔޫމް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވައިފި އެވެ.
ނ. ލަންދޫ އާ އިންޖީނުގެ ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޮށްދޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދު ވެސް އަންނަނީ އެގައުމަށް ޝުކުރު ދަންނަވަމުން ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ދުރު ނުވެވޭ ވަރަށް ގާތް ވެފައި އޮތް ރަހުމަތްތެރި ދެ ގައުމު ކަމަށާއި ހުރިހާ ސަރުކާރެއްގައި ވެސް އެ ގުޅުން އޮތީ އެގޮތުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ސަރުކާރެއްގައި ވެސް މި ގުޅުން އޮތީ މިގޮތަށް. ރައީސް މައުމޫންގެ 30 އަހަރުގެ ސަރުކާރަކީ އިންޑިއާ އާއި އަޅުގަނޑުމެންނާ ދޭތެރޭ އެންމެ މަތިވެރި ގުޅުންތައް އުފެދިގެން ދިޔަ ދުވަސްވަރު،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.
"އަޅުގަނޑުމެންނަށް އެންމެ ދަތިވެގެންދިޔަ ރާއްޖެ އެންމެ ނުރައްކަލަށް ހުށަހެޅިގެން ދިޔަ 1988 ވަނަ އަހަރުގެ އުދުވާނުގައި ވެސް އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް ވެވަޑައިގެންދެއްވި އެހާ އަވަސް، އެހާ ވަރުގަދަ ޚިދުމަތްތަކެއް އަޅުގަނޑުމެންނަށް އެ ކޮށްދެއްވީ. އަޅުގަނޑުމެން އެ އުދުވާނުން ސަލާމަތްވީ، އެހެންނޫން ނަމަ މި50 އަހަރުގެ މިނިވަންކަމުގެ ރާސްތާގައި، ރާއްޖޭގެ މިނިވަންކަން މި 50 އަހަރުތެރޭގައި ވެސް ގެއްލިފަ އޮތީހީ،" ރައީސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އިންޑިއާގެ ވިޔަފާރިތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.