(ކުއާލަ ލަމްޕޫރު ސެޕްޓެމްބަރު2) -- ސަރުކާރާ ދެކޮޅަށް ދާދި ފަހުން މެލޭޝިޔާގައި ބޭއްވި މުޒާހަރާގައި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު، ބޮޑުވަޒީރު ނަޖީބު ރައްޒާގު އަދި ސަރުކާރަށް ކުރެއްވި ތުހުމަތުކާ ގުޅިގެން ބަޔާނެއް ދިނުމަށް ފުލުހުން މަހާތިރަށް އަންގައިފި އެވެ.

ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތް ކުރާ، ބާސިހް ޖަމާއަތުގެ މީހުންނާ އެކު މުޒާހަރާތެރެ އަށް ނުކުމެވަޑައިގެން މަހާތީރު ވިދާޅުވީ ބޮޑުވަޒީރަކީ ހިޔާނާތްތެރިއެއް ކަމަށާއި ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.

ހަފުތާ ބަންދުގައި މެލޭޝިޔާގައި ބޭއްވި އެއްވުމުގައި އެތައް ހާސް ބަޔަކު ވަނީ ނުކުމެފަ އެވެ.

މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި މަހާތީރު ވިދާޅުވީ ބޮޑުވަޒީރު ނަޖީބުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ އަދި ރައްޔިތުންގެ ބާރު ދައްކައި ބޮޑުވަޒީރު މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.

ނަޖީބުގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވަ އެވެ. އަދި ވިދާޅުވީ މަހާތީރު އެ ވާހަކަ އެ ދައްކަވަނީ އޭނާ އާ ދެކޮޅަށް ކުރައްވާ ސިޔާސީ ކެމްޕޭނެއްގެ ގޮތުގައި ކަމަށެވެ.

ޑރ. މަހާތިރަކީ އަދި ވެސް މެލޭޝިޔާގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ. މަހާތީރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުކަން ވަރަށް ގިނަ ދުވަސްތަކެއްވަންދެން ކުރައްވައިފަ އެވެ. އެގޮތުން ބޮޑުވަޒީރުގެ މަގާމު 1981 ވަނަ އަހަރުން، 2003 ވަނަ އަހަރުގެ ނިޔަލަށް، 22 އަހަރު ކުރެއްވި އެވެ.

މެލޭޝިޔާގެ އިންސްޕެކްޓަރު ޖެނެރަލް ހާލިދު އަބޫބަކުރު ވިދާޅުވީ ބާސިހުގެ މުޒާހަރާގައި ޑރ. މަހާތީރު ސަރުކާރަށް ވަރަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި، ސަރުކާރު ހިންގާ އަމުނޯ ޕާޓީގެ ޑިވިޝަން ހެޑަކީ ވެސް ކޮރަޕްޓް ބޭފުޅެއް ކަމަށާއި އޭނާ ވެސް ރިޝްވަތު ނަންގަވާފައިވާ ކަމަށް މަހާތީރު ތުހުމަތު ކުރެއްވި ކަމަށެވެ.

"އަހަރުން ބޭނުން ވަނީ އެއީ ކޮން ގޮތަކަށް ހޯއްދެވި މައުލޫމާތެއްތޯ އާއި އެކަން ކަމުގެ ތަފްސީލު ހޯދަން. އަހަރުން އުންމީދު ކުރަން މަހާތީރު އެއްބާރުލުން ދޭނެ ކަމަށް،" ހާލިދު ބީބީސީ އަށް ވިދާޅުވި އެވެ.

އިންސްޕެކްޓަރު ޖެނެރަލް ވިދާޅުވީ މަހާތީރުގެ އިތުރަށް އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ވެސް ފުލުހަށް ހާޒިރުކުރާނެ ކަމަށާއި އެ ބޭފުޅުންނާ ވެސް އެ ސުވާލުތައް ކުރައްވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޑރ. މަހާތީރު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މަހާތީރުގެ ބޮލުގައި އަންގާރަ ދުވަހު ވެސް ވަނީ ބޮޑުވަޒީރުގެ ކޮރަޕްޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ވިދާޅުވީ ބޮޑުވަޒީރު ވަނީ ސޮވެރިން ވެލްތު ފަންޑަށް ހިޔާނަތްވެފައި ކަމަށާއި އެ ފަންޑު ބޭނުން ކުރައްވައިގެން 2013 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ސިޔާސީ މީހުންނަށް އެހީވެފައި ކަމަށެވެ.

އެ ފަންޑަށް ހިޔާނަތްވި ކަމަށް ނަޖީބު އިންކާރު ކުރައްވަ އެވެ. އަދި ނަޖީބުގެ އެކައުންޓްގައި އައި ނައިތަނެއް ނޭނގި ހުރި 700 މިލިއަން ޑޮލަރު ހުރި މައްސަލާގައި މެލެޝިޔާގެ އެންޓި ކޮރަޕްޝަން އެޖެންސީ އިން ބުނީ އެއީ ބޮޑުވަޒީރަށް ބަޔަކު ދީފައި ހުރި އެހީ ކަމަށެވެ. މައުލޫމާތު: ބީބީސީ