ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) "ފުޑް ބޭންކު" ގެ ބައްދަލުވުން މިއަދު ފަށައިފި އެވެ.

މާބުލް ހޮޓެލްގައި ކުރިއަށް ގެންދާ މި ބައްދަލުވުން އޮންނާނީ މިއަދާއި މާދަމާއެވެ.

ސާކް "ފުޑް ބޭންކު"ގެ ބައްދަލުވުމަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން އެންމެ ފަހުން ބާއްވާފައި ވަނީ އިންޑިއާގެ ނިއުދިއްލީގައެވެ.

ސާކް "ފުޑް ބޭންކު"ގެ ބައްދަލުވުމުގެ ބޭނުމަކީ ސާކު މެމްބަރު ގައުމުތަކަށް ކުރިމަތިވާ ކާރިސާތަކުގައި ދިވާމާ ދަތި ހާލަތްތަކުގައި ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރުމެވެ.

މިއަދުގެ ބައްދަލުވުމުގައި ސާކް މެންބަރުންގެ ގޮތުގައި ހިމެނޭ ހަތް ގައުމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ރާއްޖޭގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

ރާއްޖޭގެ ފަރާތުން ސާކް "ފުޑް ބޭންކު" އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2004 އޭޕްރީލު މަހުގެ ދެ ވަނަ ދުވަހު އެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ފޮރިން މިިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޝަހީދު އެވެ.