16 Mar 2011, 08:29
ތިން ވަނަ ވީއޭއެމް ޕްރެޒިޑެންޓްސްކަޕް އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އުނދަގުލުން ނިލަންދޫ ޔޫތު ލިންކޭޖު(ނީލް) ބަލިކޮށް ޕޮލިސް ކްލަބް ހޯދައިފި އެވެ.
އެޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލުގައި ނީލް 2 ސެޓް ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ސެޓް ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ނީލް ގެންދިޔައީ 25-13 އަދި 25-22ންނެވެ. މިއާއެކު ގިނަ ބަޔަކަށް ހީކުރެވިގެން ދިޔައީ ބަލިނުވެ ތިން އަހަރު ވަންދެން ކުޅެމުން އަންނަ ޕޮލިހުގެ ސިލްސިލާއަށް ނިމުން އައީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ޖެހިގެން އައި ދެ ސެޓް ޕޮލިސް ގެންދިޔައީ 25-20 އަދި 25-19ންނެވެ. އެއާއެކު ނަތީޖާ ކަނޑައަޅާ ސެޓާ ކުރިމަތިލާން ޖެހުނެވެ. މިސެޓްގައި ޕޮލިހުގެ އައިޝަތު ނާޒިމާއާއި ސުހާނާ އަޙްމަދުގެ މޮޅު ކުޅުމާއެކު 15-10ން ސެޓް ހޯދާ ޕޮލިސް ތަށި އުފުލާލިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީވެސް ޕޮލިހެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޕޮލިހުގެ 3 ކުޅުންތެރިންނާއި ނީލްގެ 3 ކުޅުންތެރިންނެވެ. ނީލްގެ ކުޅުންތެރިންނަކީ އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު 3 މެޗުގައިވެސް ނުކުޅެވޭ އައިޝަތު ސައްފަ އާއި ޔުމްނާ އަބްދުލް އަޒީޒާއި ސެޓަރ ނަސްރާ އަހްމަދެވެ. ޕޮލިހުގެ ކުޅުންތެރިންނަކީ ނާޒިމާއާއި ސުހާނާގެ އިތުރުން އާގިލާ ހާމިދެވެ.
މުބާރާތުގެ އެންމެ އުއްމީދީ 6 ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އެ ކުޅުންތެރިންނަކީ އަމީނިއްޔާ ވޮލީ ކްލަބްގެ ފާތިމަތު ރާނިޔާ އާއި އައިޝަތު ޝަންނަ އިސްމާއީލާއި ނީލްގެ ހައްވާ ރާޝިދާ އާއި އެމް އެސްގެ ހައްވާ ސަހާ އާއި އާމިނަތު އިސްމާއީލާއި ގުޑީސްގެ އައިޝަތު މާޖިދާ އެވެ. މުބާރާތުގެ ފެއާރޕުލޭ ޓީމަކަށް ގުޑީސް ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަލިނުވެ ޕޮލިހަށް ތަށި ހޯދާދިން ކޯޗު މުހައްމަދު ނަދީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމުދެއްވީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގެވެ.