02 Sep 2015, 11:47
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭބަންދުގައި ހުއްޓައި ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނަޝީދުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ނަޝީދުގެ ޖަލު ހުކުމް ގޭގައި ތަންފީޒު ކުރާ ގޮތަށް ބަދަލުކޮށް ލިޔުމަކުން ރައީސް ނަޝީދަށް އެކަން އަންގުމަށް ފަހު ޖަލަށް ބަދަލުކުރުމުން ކަމަށް ބުނެ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އެމައްސަލަ ބަލައިގެންފައި ނުވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަމަށް އެކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ހިސާން ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދު ޖަލަށް ބަދަލު ކުރި މައްސަލަ ކްރިމިނަލަ ކޯޓުން ބަލައި ނުގަތުމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާނެ ކަމަށް އެ މުއައްސަސާ އިން ވަނީ ބުނެފަ އެވެ.
ލިޔުމުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.