ވިލިމާލޭގައި ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތް އެނދު ހަލާކުވެގެން ވެއްޓިއްޖެ އެވެ.

އެކުއްޖާގެ އާއިލާގެ މީހަކު ސަން އަށް ކިޔައިދިން ގޮތުގައި ރޭ 7:00 އެހާކަންހާއިރު އެކުއްޖާ އެޑްމިޓްކޮށްފައި އޮތް އެނދު ވެއްޓުނީ ބޯލާ ކޮޅު މައްޗަށް ނަގާ ޖެކްގެ ރިވެޓެއް ހަލާކުވެގެންނެވެ.

އާއިލާއިން ވާހަކަދެއްކި މީހާ ބުނީ ފާރުވެއްޓުމުގެ ސަބަބުން އެކުއްޖާގެ ވާއަތުފައިގެ އުކުޅުވަޅު ކައިރިން ފަލަމަސްގަނޑު ބިނދިފައި ވާތީ، ނުގުޑުވަންވެގެން ފައިގައި އޮތީ އެއްޗެއް ހަރުކޮށްފައި ކަމަށެވެ. ނަމަވެސް އެނދު ވެއްޓުމުގެ ސަބަބުން ފައިގައި އަޅާފައި އޮތް އެތި ނެއްޓިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

"އެކުއްޖާގެ ކަނާތު ފައި އުކުޅުވަޅުން ވަނީ ރެނދުލާފައި. ވައަތުފައިގެ އުކުޅުވަޅު ކައިރިން ފަލަމަސްގަނޑު ވަނީ ބިންދައިގެން ގޮސްފައި. ނިތްކުރިން ދެ އިންޗިހާތަން ވަނީ ފަޅައިގެން ގޮސްފައި. ކަތާނު ފައިގެ ކުޑަ ކަޅުވާ މަސްގަނޑު ވަނީ ފަޅައިގެން ގޮސްފައި. މިއީ ކުއްޖާގެ ހާލަތަކީ. މިހާލަތުގައި އޮއްވައި މިފަދަ ކަމެއް މި މެދުވެރިވީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

14 އަހަރުގެ ކުއްޖާގެ ގައިމައްޗަށް ފާރުވެއްޓުނީ އޭނާ ޖޯލިފަތީގައި އޮއްވައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

އޭނާ ބުނީ، އެނދު ވެއްޓުމުން އެ މަންޒަރު ފޮޓޯނަގަން ފެށުމުން ފޮޓޯ ނުނެގޭނެ ކަމަށް ބުނެ ނަގާފައިވާ ފޮޓޯތައް ޑިލީޓް ކުރުމަށް ފުލުހުން އެންގި ކަމަށެވެ.

"ފުލުހުން ބުނީ ނެގި ފޮޓޯތައް ޑިލީޓްކުރާށޭ. އަޅުގަނޑުމެން ދެކޭގޮތުގައި އެއީ އެކަން ފޮރުވުމުގެ ގޮތުން ފުލުހުން އެންގި އެންގުމެއް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

މިކަމާގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ހޮސްޕިޓަލް ތެރޭގައި ފޮޓޯ ނަގަން ޖެހެނީ ކުރިން ހުއްދަ ނަގައިގެން. އެހެންވެ އެގޮތަށް އެންގީ،" ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، އެ ހާދިސާއަށް ފަހު އެކުއްޖާގެ އެކްސްރޭއެއް ނަގައި ބެލިއިރު އިތުރު އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

ވިލިމާލޭގައި ފާރެއް ވެއްޓި އެކުއްޖާއަށް އަނިޔާ ލިބިފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.