މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 692.5 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ. އެއީ ހަތަރު މަހުގެ އިމްޕޯޓް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުއިން ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ރާއްޖޭގެ ރަސްމީ ރިޒާވް 692.5 މިލިއަން ޑޮލަރަށް އަރާއިރު އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅައިބަލާއިރު 39 ޕަސެންޓް އިތުރު އަދަދެކެވެ.

މެއި މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 703.7 މިލިއަން ޑޮލަރު ހުރިއިރު ޖޫން މަހު ހުރީ 712.2 މިލިއަން ޑޮލަރެވެ.

ޖުލައިމަހުގެ ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 213.5 މިލިއަން ޑޮލަރު ހުރި އިރު އެއީ މަހުން މަހަށް ބަލާއިރު ނުވަ ޕަސެންޓް ދަށް އަދަދެކެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 41 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭއިން ބުނާގޮތުގައި މިދިޔަ ޖުލައި މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަކީ 4.2 މަހުގެ އިމްޕޯޓްއެވެ. މަހުންމަހުން ބަލާއިރު އެއަދަދު ދަށްވިނަމަވެސް އަހަރުން އަހަރަށް ބަލާއިރު އެއަދަދު ވަނީ އިތުރުވެފައެވެ.