02 Sep 2015, 09:51
އދ. މަޖިލިސް (ސެޕްޓެމްބަރު 2): ޔޫރަޕަށް ކުރިމަތިވެފައިވާ ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމުގެ މާލީ އަދި އިދާރީ ގާބިލްކަން ޔޫރަޕްގެ ގައުމުތަކުގައި އެބަހުރި ކަމަށާއި އެހެންކަމުން ސޫރިޔާގެ ރެފިއުޖީންނާމެދު އިންސާނީ ނަޒަރަކުން ބެލުމަށް އދ. ން ޔޫރަޕްގެ ގައުމުތަކަށް އިލްތިމާސްކޮށްފި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރްޖަމާން ސްޓީވަން ޑުޖަރިކް ވިދާޅުވީ، ޔޫރަޕަށް މިހާރު ކުރިމަތިވެފައިވަނީ ރެފިއުޖީން ހިޖްރަކުރުމުގެ ވަރަށް ޚާއްސަ އިންސާނީ ހާލަތެއްކަމަށާއި އެޙާލަތަށް ރިއާޔަތް ކޮށްގެން ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަން ދިނުމުގެ ބުރަ މަސްއޫލިއްޔަތު ޔޫރަޕުން އުފުލަންޖެހޭނެ ކަމުގައެވެ.
ޑުޖަރިކް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ބަލްކަން ސަރަހައްދުގެ ދެކުނުގެ ގައުމުތަކަށްވަނީ ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ އެތަށް ހާސްބަޔަކު ރެފިއުޖީންގެ ގޮތުގައި ހިޖްރަކޮށްފައެވެ. ރެފިއުޖީންގެ ތެރޭގައި އެތަށް ހާސް އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ސޫރިޔާގެ ރެފިއުޖީން ބޭނުންވަނީ އެގައުމުތަކުން އެމީހުންނަށް ހިޔާވަހިކަން ދިނުމަށް ނޫނީ ހިމާޔަތްދޭނެ އެހެން ގައުމަކަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ އެންމެ ބޮޑުވެފައިވާ ގައުމުތަކުގެ ތެރޭގައި ހަންގެރީއާއި އޮސްޓްރިއާއާއި އިޓަލީއާއި ގްރީސް އާއި މެސެޑޯނިޔާ ހިމެނެއެވެ. މީގެތެރެއިން ގިނަގައުމުތައް ސޫރިޔާގެ ރެފިއުޖީންނާމެދު މުއާމަލާތް ކުރަމުން ގެންދަނީ ހަރުކަށިކަމާއެކު އިންސާނީ ހައްގުތަކަށް ރިއާޔަތް ނުކޮށެވެ. ނަމަވެސް ޖަރުމަނުންވަނީ ސޫރިޔާގެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް މަރްހަބާކިޔާކަން އިޢްލާންކޮށްފައެވެ.
މިއާއެކު ހަންގެރީއާއި އޮސްޓްރިއާއާއި މެސެޑޯނިޔާފަދަ ގައުމުތަކުގައި ތާށިވެ ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ ގިނަބަޔަކު ސަރަހައްދީ ރޮނގު ހުރަސްކޮށް މިހާރުވަނީ ޖަރުމަނަށް ގޮސްފައެވެ. އިއްޔެވަނީ ސޫރިޔާގެ ރެފިއުޖީންނާއި ހަންގެރީގެ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައެވެ. (ނޫސްއެޖެންސީތައް)