16 Mar 2011, 00:10
ޖަނަވަރީ މަގުގައި ހުރި ފިހާރައަކަށް ގްރޫޕަކުން ވަދެ، ފިހާރަ ސޭޓަކަށް އިން އަންހެންކުއްޖަކަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު 1000ރ. ފޭރިގަނެގެން ފިލައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ގްރޫޕަކުން ވަނީ ޖަނަވަރީ މަގުގައި ހުންނަ 'ޝިމާ" ނަމަކަށް ކިޔާ ފިހާރައަކަށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، މިރޭ 10:45 އެހާކަންހާއިރު ތޫނު އެއްޗެހި ހިފައިގެން ތިބި ގްރޫޕަކުން އެ ފިހާރައަށް ވަދެ، ސޭޓަށް ބިރުދެއްކުމަށްފަހު ފިހާރައިގެ ވަތްގަނޑުން 1000ރ. ފޭރިގަނެގެންފައިވާ ކަމަށެވެ. އޭރު ފިހާރައިގެ ސޭޓަކަށް އިނީ އަންހެންކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް، އެ ފިހާރައަށް ވަނީ ކިތައް މީހުންގެ ގްރޫޕެއް ކަމާއި އެމީހުން ތިބީ މޫނު ނިވާކޮށްގެން ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ. "އަޅުގަނޑުމެން މިދަނީ މައްސަލަ އިތުރަށް ބަލަމުން" އޮފިޝަލު ވިދާޅުވި އެވެ.
ފިހާރައާ ކައިރި ގެއެއްގެ ބެލްކަނިން މަންޒަރު ދުށް މީހަކު ބުނީ، ފިހާރަ ކުރިމަތީ ސައިކަލު ޕާކުކުރުމަށްފަހު ފިހާރަތެރެއަށް މީހަކު ވަން މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ. އަދި ކުޑައިރުކޮޅެއްފަހުން އެމީހާ ވަރަށް ބާރަށް ފިހާރައިން ނުކުމެ ސައިކަލަށް އަރައިގެން ނައްޓާލި ވަގުތު އެ ފިހާރައިން އަންހެން ކުއްޖަކު މަގުމައްޗަށް ނުކުމެ ރޮއެއްގަތް މަންޒަރު އޭނާ އަށް ފެނުނު ކަމަށް ވެސް ބުންޏެވެ.
ދާދިފަހުން މާލެއާއި އަތޮޅުތަކުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފަ އެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ޓްރެވެލް އެޖެންސީއެއް ފަޅާލައިގެން 400،000 އަށް ވުރެ ގިނަ ރުފިޔާ އާއި 19،000 ޑޮލަރު ބަޔަކު ވަގަށް ނަގައިފައި ވެއެވެ.
އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭންކުން ފައިސާ ނަގައިގެން ދިޔަ މީހެއްގެ އަތުން 243،000ރ. ފޭރިގެންފައިފައިވާއިރު ހަމަ އެދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމްޓީސީސީ ކުރިމަތީ ފަޅުތެރޭގައި އަޅާފައި އޮތް މަސް ދޯންޏަކުން 11،300ރ. ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ.
އެންމެފަހުން ބޮޑެތި ވައްކަންތަކެއްކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 17 މީހުންނަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ ބަޔަކެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން، މާލެއާ ހުޅުމާލޭގެ 16 ތަނަކުން ވައްކަންކޮށްފައިވާ ދެ ގްރޫޕެއް ވެސް ފުލުހުން ވަނީ އަތުލައިގެންފައި ވެއެވެ.
ފުލުހުން ބުނަނީ، ގްރޫޕްތަކުން އެކަން މިހާރު ކުރަމުންދަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ.