16 Mar 2011, 00:07
ޑީއާރްޕީ އޮފީހުގައި ބަހައްޓާފައި ހުންނަ އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފޮޓޯފުޅު ނަގައިގެން ގެންދަން ކަމަށް ބުނެ ޑީއާރްޕީ އޮފީސްތެރެއަށް ވަދެގަތް ބަޔަކު އަޑުގަދަކޮށް ހަމަނުޖެހުން ހިނގައިފި އެވެ.
ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު ވިދާޅުވީ، މިރޭ 9:30 އެހާކަންހާއިރު ޑީއާރްޕީ އޮފީސްތެރެއަށް ވަނީ އެކި ރޭ މަތިން އެ އޮފީސް ކުރިމައްޗަށް އެއްވެ، ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި، އެ އޮފީހަށް ވަންނަ ފަރާތްތަކަށް "ދުއްޕާން" ކުރާ ބަޔެއް ކަމަށެވެ. އަދި އެމީހުން މިރޭ އޮފީހަށް ވަދެ، ތަކެއްޗަށް ގެއްލުންދޭން ވެސް މަސައްކަތްކޮށްފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އެމީހުން މަސައްކަތްކުރީ އޮފީހުގެ ފާރުގައި ހަރުކޮށްފައިވާ އެ ޕާޓީގެ ޒައީމް މައުމޫންގެ ފޮޓޯފުޅުގެންދަން ކަމަށެވެ.
"އަޅުގަނޑެއް ނުދެކެން ޕާޓީ ތެރެއިން ބަޔަކު ޒައީމްގެ ފޮޓޯ ގެންދަން މަސައްކަތްކޮށްފާނެހެން. އެއީ ޕާޓީގެ ބަޔަކު ޕާޓީގެ ތަކެއްޗަށް ގެއްލުމެއް ނުދޭނެ،" ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމީހުން ޕާޓީ އޮފީސްތެރޭ އަޑުގަދަކޮށް، ހަމަނުޖެހުން ހިންގުމަށްފަހު ފޮޓޯ ނުގެންދެވުމުން ބޭރަށް ނުކުމެވެސް އަޑުގަދަކޮށް، ހުތުރު ބަހުން އެއްޗެހި ގޮވަމުންދިޔަ ކަމަށެވެ. އަދި ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރުމުން އެތަނަށް ގޮސް، ދެމީހަކު ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
ފުލުހުން ބުނީ މިރޭ ޑީއާރްޕީ އޮފީސް ކުރިމަތީގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރަމުން އަންނަ ކަމަށެވެ.