01 Sep 2015, 22:47
ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކުންފުނިތަކަށް ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ދަށް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރ. އިންނަމާދޫގެ އާ އިންޖީނުގެ ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިންޓްރެސްޓް ރޭޓް 5.5 ޕަސެންޓަށް ދަށްކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުގެ އަހު ޝިޔާމް ބޭނުންފުޅު ވަނީ ލޯނެއް ނަގަން. ނޫނީ މުޅި ގައުމަށް ފައިދާ ކުރާނެ މަޝްރޫއެއް ހިންގަން ލޯނެއް ބޭނުން ވަނީ. އެހެން ވީމާ މި ކަހަލަ މަޝްރޫއުތަކަށް ފަހި ކުރަން އެބަ ޖެހޭ މި އިންޓަރެސްޓް ރޭޓް ކުޑަވާން. ބޭންކުތަކުން މިކަހަލަ ބޮޑެތި މަޝްރޫއުތަކަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ރޭޓު 5.5 ޕަސެންޓް ނުވަތަ ހަ ޕަސެންޓަށް ވުރެ މަތިވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ބޮޑެތި ޕްރޮޖެކްޓްތަކަށް ރާއްޖޭގެ ބޭންކުތަކުން މިހާރު ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް އުޅެނީ އަށް ޕަސެންޓާއި އެގާރަ ޕަސެންޓާއި ދެމެދުގައެވެ.

ރ. އިންނަމާދޫގެ އާ އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ތާރިގު އިބްރާހިމް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިނިމަމް ރިޒާވްގެ މިންވަރު ދަށްކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އަދި އޭގެ ސަބަބުން ލޯނު ދޫކުރަން ބޭންކުތަަކަށް ހުންނަ ފައިސާ އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"10 ޕަސެންޓާ ހަމައަށް ތިރިކުރީމާ މިވާ ގޮތަކީ ކޮންމެ ބޭންކަކަށް ޑިޕޮޒިޓަރުން ނުވަތަ ފައިސާ އަޅާ މީހުން 100ރ. ލައިފި ކަމަށް ވަންޏާ، އެ 100ރ. ގެ ތެރެއިން އެމްއެމްއޭގައި ބަހައްޓަން ޖެހޭނީ ހަމައެކަނި 10ރ. އޭގެ ކުރީގައި އެކަން އޮންނަ އުސޫލަކީ 100ރ. ބޭންކަށް ލިބިއްޖެ ކަމަށް ވަންޏާ އޭގެ ތެރެއިން 25ރ. މި ހުންނަން ޖެހެނީ އެމްއެމްއޭގައި ތަޅުލެވިފައި. އެހެންވީމާ 75ރ. މި ލިބެނީ މީހުންނަށް ލޯން ދޫކުރަން. އެ އަދަދު ތިރިކުރީމާ މިހާރު އެބަލިބޭ ކޮންމެ 100ރ. އަކުން 90ރ. މީހުންނަށް އެކިއެކި މަސައްކަތްތަކަށް ލެންޑް ކުރަން ނުވަތަ ލޯން ދޫކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން މުޅި ރައްޔިތެއްގެ ބޭނުމަށް މިކުރެވޭ ކަންކަމުގެ ތެރޭގަ އެއީ ސަރުކާރުގެ ބޭސްފިހާރައެއް ހުޅުވިކަމުގައި ވީނަމަވެސް ބަނދަރުފުންކުރުމުގެ މަޝްރޫއުކަމުގައި ވީނަމަވެސް އިންޖީނުގެ އެޅުމުގެ މަސައްކަތްކުރި ކަމުގައި ވީނަމަވެސް މުޅި ރައްޔިތަކަށް އޭގެ ފައިދާ ލިބޭ ކަމަށްވަންޏާ އެކަމުގަ ރައްޔިތުން އުޅުއްވާ ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"އެތަން ހަލާކުވެއްޖެއްޔާ އެތަން ގެއްލިއްޖެއްޔާ ނުވަތަ އެތަން ބަންދުކޮށްފިއްޔާ ގެއްލުންވާނީ ހަމަރައްޔިތުންނަށް،" ރައީސް ޔާމިން ވިދާޅުވިިއެވެ.
ރައީސް ޔާމީނު ސަރުކާރާއި ހަވާލުވިއިރު "ރާއްޖޭގެ އެކިދިމާލުގައި އުތުރުން ދެކުނަށް ހުޅަގަށް އިރަށް ބޭނުންވެފަ ހުރި ވަރަށް ގިނަ އަސާސީކަންތައްތަކާއި އަދި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރަން ބޭނުންވާ ގިނަ ކަންތައްތައް' ހުރި ކަމަށާއި އެކަންކުުރުމުގައި ކުރިއަށްވަޑައިގަންނަވޭނެ ކަމަށެވެ
އިންނަމާދޫ އާ އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލާއި އެކުންފުނީގެ ޗެއާމަން މުހައްމަދު ނަދީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.