މިނާ ގްރޫޕަށް ފައިސާ ދައްކާފައި އޮތް، ދިވެހި އަންހެނަކަށް ހައްޖަށް ދިއުމަށް ވިސާ ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

'ސަން'އާ ވާހަކަ ދައްކަމުން އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އިއްޒުއްދީން އަދުނާނު ވިދާޅުވީ އެ މީހާ އަށް ވިސާ ލިބޭނެ ކަމުގެ 'އުއްމީދު' ވަަރަށް ބޮޑު ކަމަށެވެ.

ފޮރިން އެފެއާޒް އާއި ސައުދީގައި ހުންނަ ރާއްޖޭގަ އެމްބަސީ އާއި ގުޅިގެން ވިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޒުއްދީން ވިދާޅުވި އެވެ.

ރާއްޖޭން ހައްޖާދާ މީހުންނަށް ވިސާ ދިނުމަށް ކޮންމެ އަހަރަކު ވެސް ސައުދީގެ ޓީމެއް ރާއްޖެ އާދެއެވެ. ނަމަވެސް މިފަހަރު ބައެއް މީހުންނަށް ވިސާ ނުޖެހެނީސް އެ މީހުން ފުރާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވި އެވެ.

ނަމަވެސް އިއްޒުއްދީން ވިދާޅުވީ އެ ޓީމް ފުރާފައި ވަނީ 'އެންޓާ ކޮށްފައި ތިބި އެއްމެނަށް ވިސާ ދީފައި' ކަމަށެވެ.

ނަމަވެސް ބައެއް މީހުންނަށް ވިސާ ނުލިބޭކަން ފާހަގަކުރެއްވިފައި ވާކަމަށާއި އެކަން ބައްލަވަމުންދާ ކަމަށް އިއްޒުއްދީން ވިދާޅުވި އެވެ.

ހައްޖުވެރިންނަށް ވިސާ ހޯދުމުގައި ހައްޖު ކޯޕަރޭޝަނަށް ވެސް މައްސަލަތަކެއް ދިމާވި އެވެ. ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ ފަސް ބިދޭސީންނާއި ދިވެއްސެކަށް ވިސާގެ މައްސަލަ ދިމާވި އެވެ. ނަމަވެސް އެ މީހުންނަށް މިއަދު ވަނީ ވިސާ ލިބިފަ އެވެ.

މިނާ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދާ އެހެން ހުރިހާ މީހުން ވަނީ މިހާރު ފުރާފަ އެވެ. ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 1300 މީހުންވެސް މިހާރު ވަނީ ސައުދީ އަށް ގޮސްފައެވެ.