މިމަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭ އެފް ސީ ޗެލެންޖްކަޕް ކޮލިފައިންގެ ޓިކެޓް ހުކުރު ދުވަހު ވިއްކަން ފަށާ ގޮތަށް އެފް އޭ އެމުން ހަމަޖައްސައިފި އެވެ.

4 ގައުމުގެ މެދުގައި ކުޅޭ މުބާރާތުގެ ޓިކެޓް އެފް އޭ އެމުން ނިންމާފައިވަނީ ހުކުރު ދުވަހުގެ ހަވީރާއި ރޭވެސް ވިއްކާށެވެ. އެގޮތުން ހަވީރު 4ން 6ށް ޓިކެޓް ވިއްކާއިރު ރޭގަނޑު 8ން 10ށް ވިއްކާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒާއި މާލޭ ކުޅިވަރު އެކުވެނިންނެވެ.

އެހެން މުބާރާތްތަކާ ޚިލާފަށް މިފަހަރު ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ ޑޭޓިކެޓްގެ ގޮތުގައެވެ. އެއީ ކޮންމެ ދުވަހެއްގައި ކުޅެވޭ ދެމެޗުގެ ޓިކެޓް އެއްކޮށް ވިއްކާ ގޮތަށެވެ. އަދި ސިޑިބަރިން ދެމެޗުގެ ޓިކެޓެއް އެއްކޮށް ވިއްކަނީ 30 ރުފިޔާ އަށެވެ. ގޮނޑިބަރިން 50 އަދި 70 އަށެވެ. އެފްއޭއެމުން ބުނެފައިވަނީ ދެމެޗުގެ ޓިކެޓް އެއްކޮށް ވިއްކުމުގެ ބޭނުމަކީ ހުރިހާ މެޗަކަށްވެސް ގިނައިން މީހުން ވެއްދުން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވަނީ ބައިނަލް އަގްވާމީ ދެ މުބާރާތެވެ. 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފެށިތާ މަދު ގަޑިތަކެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ މެޗެއްގެ ޓިކެޓް ވިކި ހުސްވިއިރު 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕްގައި ރާއްޖެ ކުޅެން ޖެހޭ މެޗުތަކުގެ ޓިކެޓް ހުސްވީ މުބާރާތް ފެށުމުގެ 1 ދުވަސް ކުރިންނެވެ. މިދެ މުބާރާތުގެ ޓިކެޓް ގަތުމަށްވެސް މީހުން ކިޔު ޖެހުނުއިރު މިފަހަރުގެ މުބާރާތުގެ ފޯރި އަދި ފެންނަނީ ކުރީ ދެ މުބާރާތަށްވުރެ މާބޮޑަށްވެސް ކުޑަކޮށެވެ.