ބެއިޖިންގް (ސެޕްޓެމްބަރު 1 : ސޫދާނުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރެއްވުމުން އެކަމާމެދު ކަންބޮޑުވާ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން މާކް ޓޫނަރ ވިދާޅުވީ ސޫދާނުގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ސޫދާނުގެ ދާރުފޫރުގެ ރައްޔިތުންނާ ދެކޮޅަށް ހިންގުމުގެ ތުހުމަތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ޝަރީއަތް ހިންގުމަށް ބޭނުންވެގެން އެ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް ޗައިނާއިން މަރްޙަބާ ކިޔާފައިވާތީ އެމެރިކާ ހައިރާންވެފައިވާ ކަމުގަ އެވެ.

އެމެރިކާގެ މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދެއްކެވިއިރު އެމެރިކާއަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އިރާގާއި އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ގައުމެކެވެ. އަދި މި ޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ އެމެރިކާގެ އިސް މަސްއޫލުވެރިންނާއި އެމެރިކާގެ ސިފައިންނާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައުވާ އުލަފާނެ ކަމަށް ބިރުން އެމެރިކާ ވަނީ އެ ކޯޓު އުފެއްދުމުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންގައި ސޮއި ކުރުމަށް ދެކޮޅު ހަދާފަ އެވެ. ސޫދާންގެ ރައީސް ޗައިނާއަށް ވަޑައިގެންނެވީ ރައީސް ޝީޖިންޕިން ގެ ދައުވަތަކަށެވެ.

ބެއިޖިންގެ މަޝްހޫރު ގްރޭޓް ހޯލްގައި އޭނާއަށް މަރްޙަބާ ދެންނެވީ ސީދާ ރައީސް ޝީޖިންޕިން އެވެ. ސޫދާނުގެ ޚާރިޖިއްޔާ ބުނާ ގޮތުން ރައީސް ބަޝީރު ޗައިނާއަށް ވަޑައިގެންނެވީ ދެ ވަނަ ބޮޑުހަނގުރާމައިގާ ފޭޝިޒަމް އާ ދެކޮޅަށް ޗައިނާ ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އިހްތިފާލްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޝީޖިންޕިން ދެއްވި ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި ބަޝީރު ހަތަރުދުވަހު ޗައިނާގައި މަޑުކުރައްވާނެއެވެ.

ސޫދާނުގެ ސަރަހައްދެއް ކަމަށްވާ ދާރުފޫރުގައި ހިނގި ދާޚިލީ އަރާރުންތަކުގައި އެސަރަހައްދުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި ބަޝީރު ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވަނީ 2009 ގައެވެ. ނަމަވެސް އެ އަމުރަށް ސޫދާނާއި އެފްރިކާގެ ގައުމުތަކާއި އަރަބިގައުމުތަކާ އަދި އޭޝިޔާގެ ބައެއް ގައުމުތަކުން ވެސް ތަބާވެފައެއް ނުވެއެވެ.

އެ އަމުރަށްފަހު ބަޝީރު ވަނީ ބައެއް އަރަބި ގައުމުތަކާއި އެފްރިކާގެ ގައުމުތަކާ އަދި އޭޝިޔާގެ ބައެއް ގައުމުތަކަށްވެސް ޒިޔާރަތް ކުރައްވާފަ އެވެ. ނަމަވެސް އެގައުމުތަކުން އޭނާ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެފްރިކާގެ ގައުމުތަކުގެ ޖަމްއިއްޔާ އެފްރިކަން ޔުނިޔަން އިންވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ އެފްރިކާގެ ގައުމުތަކާމެދު ތަފާތު ކުރުމުގެ އުސޫލް ގެންގުޅޭ އިތުބާރު ގެއްލިފައިވަ ކޯޓެއްކަމަށް ތުހުމަތުކޮކޮށް އެކޯޓުގެ އަމުރަށް ތަބާވުމުގެ ވިސްނުން އެފްރިކާގެ ގައުމުތަކުން ނުގެންގުޅޭ ކަމަށްބުނެ އެކޯޓާ ދެކޮޅަށް ބަޔާނެއްވެސް ނެރެފަ އެވެ.

އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ތުހުމަތު އެތަށް ގައުމެއްގެ ވެރިންގެ މައްޗަށް ކުރެވިފައިވާއިރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން މިހާތަނަށް ނެރެފައިވަނީ ހަމައެކަނި އެފްރިކާގެ ގައުމުތަކުގެ ވެރިން ހައްޔަރުކުރުމުގެ އަމުރު ކަން އެފްރިކާގެ އިއްތިޙާދުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)