01 Sep 2015, 17:03
ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުގެ ސްޕީޑަށާއި އެލަވަންސްތަކާއި އަގުތައް ހެޔޮކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލަށް ގެނައި ބަދަލާގުޅޭ ގޮތުން ތަފްސީލު ދެއްވަމުން ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު ދިރާގު ބުރޯޑްބޭންޑް އިންޓާނެޓް ސްޕީޑު އެންމެ ދަށްވެގެން 2 އެމްއެމްޕީއެސް އިން ފެށިގެން ހަލުވި ކުރެވިފައިވާ އިރު އިތުރު ޑޭޓާ އެލަވަންސްތައް ލިބިގެންގޮސް ބައެއް ޕެކޭޖްތަކުގެ އަގުހެޔޮކުރެވިފައިވާ ކަމަށެވެ.
"މިއަދުން ފެށިގެން ފިކްސްޑް އިންޓާނެޓު ބޭނުންކުރައްވާ ކަސްޓަމަރުންނަށް އެބޭފުޅެއްގެ ސްޕީޑް މިފެށެނީ ވެސް 2 އެމްއެމްޕީއެސް އާ ހަމައިން. އެހެންވީމާ 2 އެމްބީޕީއެސްއިން ފެށިގެން ގޮސް އެބޭފުޅަކަށް 100 އެމްއެމްޕީއެސް އާ ހަމައަށް އިންޓާނެޓް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެން އެބަދޭ." މައުމޫން ވިދާޅުވި އެވެ.
އިންޓާނެޓް ސްޕީޑަށް ކުރިއެރުމާ އެކު ޑޭޓާ އެލަވަންސް 15 ޖީބީއިން ފެށިގެން 350 ޖީބީ އާއި ހަމައަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން މުހައްމަދު ފާހިރް ވިދާޅުވީ އަލަށް ގެނެވުނު ބަދަލުތަކާ އެކު ނުވަ ޕެކޭޖެއްގެ އަގު ހެޔޮކޮށްފައިވާ އިރު ދެ ޕެކޭޖެއް ފިޔަވާ އެހެން ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް އިތުރުކޮށްފައިވާ ކަމަށެވެ.
"ބައެއް ޕެކޭޖްތައް މަހުފީދަށްވެފައި އެކަމަކު ސްޕީޑް މަތިވެފައި ނޫނީ ބައެއް ޕެކޭޖްތައް މަހުފީ ހުރި ގޮތަށް ހުއްޓަސް ސްޕީޑްމަތިވެފައި އެލަވަންސް އިތުރުވެފައި." ފާރިހް ވިދާޅުވި އެވެ.